އެމެރިކާގެ ހަނގުރާމަތަކާ ބެހޭ ގޮތުން ތައްޔާރުކޮށްފައިވާ ސިއްރު ލިޔުންތައް 2010 ވަނަ އަހަރު ވިކިލީކްސް ވެބްސައިޓަށް ދިން މައްސަލާގައި 35 އަހަރަށް ޖަލަށް ލާފާއިވާ އެމެރިކާގެ ސިފައިންގެ ކުރީގެ ޕްރައިވެޓެއް ކަމަށްވާ ޗެލްސީ މެނިންގެ ޖަލު ހުކުމް ކުރުކޮށް، މޭ 17 ގައި މިނިވަންކުރަން ރައީސް ބަރަކް އޮބާމާ ނިންމަވައިފި އެވެ.

ވިކިލީކްސްގެ ވެރިޔާ ޖޫލިއަން އަސާންޖަށް އިރާގާއި އަފްޣާނިތާން ހަނގުރާމައާ ބެހޭ އެތައް ހާސް ޑޮކިއުމަންޓަކާއި އެމެރިކާ ސަރުކާރުގެ ވަރަށް ގިނަ ސިއްރުތައް ފޯރުކޮށްދިން މެނިންގެ މައްސަލަ ބަލަން ފެށި ހިސާބުން އޭނާ އަންހެން ޖިންސުގެ މީހަކަށް ވުމަށް ވަނީ މަސައްކަތް ފަށައިފަ އެވެ.

މެނިން ލީކުކޮށްލި މައުލޫމާތަކީ އެމެރިކާ ސަރުކާރުން މިހާތަނަށް ހާމަވި އެންމެ ގިނަ ސިއްރު މައުލޫމާތެވެ.

މެނިންގެ އަދަބު ލުއިކޮށްދިނުމަކީ ކުރެވިދާނެ ކަމެއް ކަމަށް ވައިޓް ހައުސް އިން މީގެ ކުރިން އިޝާރާތްތަކެއް ވެސް ދީފައިވެ އެވެ.

މެނިން ޖަލަށް ލީ ފަހުން އޭނާ ވަނީ އަމިއްލައަށް މަރުވާން ދެ ފަހަރެއްގެ މަތިން މަސައްކަތްކޮށްފަ އެވެ. އޭނާ ހުންނަނީ ފިރިހެނުންގެ ޖަލެއްގައި ނަމަވެސް އޭނާ އެދެމުން ދަނީ އަންހެނުންގެ ޖަލަކަށް ބަދަލުކޮށްދިނުމަށެވެ. އަދި ޖިންސު ބަދަލުކުރުމަށް ޖަލުގައި ފަރުވާ ލިބޭނެ ގޮތް ހަމަޖައްސައިނުދީގެ ހައިހޫނު ކަމުގެ ހަޅުތާލެއް ވެސް ކުރި އެވެ.

މެނިންގެ އަދަބު ލުއިކޮށްދިން އިރު މިއީ މި މަހުގެ 20 ގައި ވެރިކަމުގެ ދައުރު ހަމަވާ އޮބާމާގެ ވެރިކަމުގައި މިފަދަ ނިންމުމެއް ނިންމަވާނެ އެންމެ ފަހު ފަހަރު ކަމަށް ބެލެވެ އެވެ. މިފަހަރު އޮބާމާ ވަނީ 209 މީހެއްގެ އަދަބު ލުއިކޮށްދެއްވައި 64 މީހަކަށް މާފުދެއްވައިފަ އެވެ.