ވައިފައި ބޭނުން ކޮށްގެން ގުޅައިލެވޭ ޓެކްނޮލޮޖީ “ވޮއިސް އޯވާ ވައިފައި” (ވައިފައި ކޯލިން) އުރީދޫން ރާއްޖެ އަށް ތައާރަފްކޮށްފި އެވެ.

ހުޅުމާލޭގައި މިރޭ ކުރިއަށް ގެންދާ އުރީދޫ ކަލަރަން މިއުޒިކް ފެސްޓިވަލް ގައި މި ހިދުމަތް ތައާރަފު ކޮށްދެއްވީ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހް ޖަމާލެވެ. މިނިސްޓަރު މަލީހްގެ އިތުރުން އުރީދޫގެ ސީއީއޯ ނަޖީބު ޚާން ވެސް މި ހިދުމަތް ތައާރަފު ކުރުމުގައި ބައިވެރިވެވަޑައިގަތެވެ.

"ވައިފައި ކޯލިން" ގެ ސަބަބުން ރޭންޖް ދަށް ހިސާބުތަކުގަ އާއި ފްލައިޓް މޯޑް ގައި ފޯނު އޮންނަ ވަގުތުތަކުގައި ވެސް ގުޅައިލެވޭނެ އެވެ.

މި ހިދުމަތް ބޭނުންކުރުމުން ޗާޖު ކުރާނީ މިހާރުވެސް އުރީދޫގެ ކޯލިން ރޭޓުތަކާ އެއް އަގެއް ކަމަށް އުރީދޫން މައުލޫމާތު ދެ އެވެ.

"ވައިފައި ކޯލިން" ތައާރަފު ކުރުމުގެ ހަފްލާ ގައި މިނިސްޓަރު މަލީހް ވާހަކަ ދައްކަވަނީ.---ފޮޓޯ: މިހާރު
"ވައިފައި ކޯލިން" ތައާރަފު ކުރުމުގެ ހަފްލާ ގައި މިނިސްޓަރު މަލީހް ވާހަކަ ދައްކަވަނީ.---ފޮޓޯ: މިހާރު

"ވައިފައި ކޯލިން" އަކީ އެޗްޑީ ކޮށް ގުޅައިލެވޭ ހިދުމަތަކަށް ވާއިރު މި ހިދުމަތް ބޭނުން ކުރެވޭނީ ވަކި ބާވަތްތަކެއްގެ ފޯނުަތަކުގަ އެވެ. އޭގެ ތެރޭގައި އައިފޯން 11 އާއި ވާވޭ ޕްރޯ އަދި ޕީ10 ފަދަ ފަހުގެ ޓެކްނޮލޮޖީ އެކުލެވޭ ފޯނުތައް ހިމެނެ އެވެ.

މިރޭގެ ހަފްލާ ގައި މިނިސްޓަރު މަލީހް ވިދާޅުވީ، މުވާސަލާތީ ޚިދުމަތް ދޭ ކުންފުނިތަކުން ފަހުގެ ޓެކްނޮލޮޖީތައް ރާއްޖެ އަށް ތައާރަފް ކުރުމަކީ ހުރިހާ ދާއިރާއަކަށް ވެސް ލިބޭ ފައިދާއެއް ކަމަށެވެ. އަދި މި ސަރަހައްދުގެ އެހެން ގައުމުތަކާ އަޅާ ބަލާއިރު މި ދާއިރާގައި ރާއްޖޭން ހޯދާފައިވާ ކުރިއެރުންތަކަކީ ލިބޭ ކުރިއެރުމެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.