ކޮންމެ ގެއެއްގައި ވައިފައި ރައުޓަރެއް އަދި ކޮންމެ ކޮޓަރިއެއްގައި ވައިފައި "އެކްސަސް ޕޮއިޓް" އެކެވެ. ކުރެވެނީ އެއް ބޭނުމެކެވެ. ވަކި މޮޅު ޑިވައިސްއެއް ނޭނގެ އެވެ. އެނގޭހާ ވެސް ކަމަކީ ނަންބަރުތަކަކާއި ޕޮއިންޓްތަކެއް އަދި އިނގިރޭސި އަކުރުތަކެއް ޖަހާފައި ހުންނަ ކަމެވެ. އޭގެ މާނައެއް އާދައިގެ މީހަކަށް ނޭނގޭނެ އެވެ.

އެކަމަކު ވައިފައި އަށް ނަން ކިޔާ ގޮތް ބަދަލުކޮށް، ވައިފައިގެ ވެސް އެކި ވާޝަންތައް ހުންނަ ގޮތަށް ބަދަލުކޮށްފި އެވެ. މިހާރު މި ގެންގުޅެނީ ނުވަތަ އެންމެ ފަހުގެ ވައިފައި އަކީ "ވައިފައި 5" އެވެ. އަންނަ އަހަރު ނެރޭނީ "ވައިފައި 6" އެވެ.

ވައިފައި ޑިވައިސްތަކަށް އަހުލުވެރި ނަމަވެސް، ވައިފައިކުރުމަށް ބޭނުންކުރާ ޓެކްނޮލޮޖީ ތަރައްގީކޮށް، ފެންވަރު މަތިކުރެވެމުން ދާކަން، އާދައިގެ މީހުންނަކަށް ނޭނގެ އެވެ. އެކަމާ ވިސްނާކަށް ވެސް ބޭނުމެއް ނުވެ އެވެ. ވައިފައި ޑިވައިސްތަކުގެ ތެރެއިން ވަކި މޮޅު ޑިވައިސްއެއް ފާހަގަކުރުމަކީ ވެސް އެވެރެޖް މީހުން ކޮށް އުޅޭ ކަމެއް ނޫނެވެ. ނަމަވެސް، "ވައިފައި އެލަޔަންސް" އިން ވައިފައި އަށް ނަންކިޔާ ގޮތް ބަދަލުކުރި ހިސާބުން ގިނަ ބައެއްގެ ވިސްނުން ވަނީ ބަދަލުވެފަ އެވެ.

ވައިފައި އެލަޔަންސް އަކީ، ވައިފައި ޓެކްނޮލޮޖީ ކުރިއަރުވައި މިންގަނޑު ކަނޑައަޅާ ޖަމިއްޔާއެކެވެ. ބާޒާރަށް ނެރޭ ވައިފައި އާލާތްތައް މިނައި، އެ ޑިވައިސްއެއްގައި ހުރި ފެންވަރު އަނގައިދިނުމަށް ސެޓްފިކެޓް ދޭ ބައެކެވެ. އެ ގޮތުގައި ދޭ ސެޓްފިކެޓާ އެއްގޮތަށް، ހާޑްވެއާ ކުންފުނިތަކުން ވައިފައި ޑިވައިސްތައް އުފައްދައި ބާޒާރަށް ނެރެނީ، އާދައިގެ މީހުންނަށް ކިޔަން އެނގުނަސް، ފަހުމުނުވާ ޒާތަކަށް މިންގަޑު ކަނޑައަޅައިގެންނެވެ. އަދި އަދަށް ދާންދެން ވެސް ކަންކުރީ މި ގޮތަށެވެ.

ވައިފައި ޓެކްނޮލޮޖީ މިންގަނޑު ކަނޑައަޅައި އަދަދު ޖަހާ ގޮތް ނަމޫނާކޮށްފައި
ވައިފައި ޓެކްނޮލޮޖީ މިންގަނޑު ކަނޑައަޅައި އަދަދު ޖަހާ ގޮތް ނަމޫނާކޮށްފައި

ވައިފައި އަށް ނަން ކިޔާ ގޮތް ބަދަލުކުރުމުން، ސެމްސަންގް ގެލަކްސީ ފޯނުތަކަށް، މިސާލަކަށް "ގެލަސްކްސީ އެސް 9" އަދި "ގެލަކްސީ އެސް 10" ކިޔައި، ބާރުގަދަ ފޯނުތައް ކަނޑައަޅާ އުސޫލު، ވައިފައި ޓެކްނޮލޮޖީ އަށް ވެސް ނިސްބަތްކުރެވުނީ އެވެ. އެހެންކަމުން، އެންމެ ބާރުގަދަ ނުވަތަ މޮޅު ޑިވައިސްއަކަށް ވާނީ، ފަހަތުގައި އެންމެ ބޮޑު އަދަދެއް އޮންނަ އާލާތެވެ. މިހާރަށް ބަލާނަމަ އެއީ "ވައިފައި 5" އެވެ.