އިންޑިއާގެ ރޭލު ސްޓޭޝަންތަކަށް ވައިފައި ދިނުމަށް ގޫގުލް އިން ހިންގާ ޕްރޮގްރާމަށް ރަސްމީކޮށް ކިޔާ ނަމަކީ "ގޫގުލް ސްޓޭޝަން" އެވެ. މިއީ މެކްސިކޯ އަދި އިންޑޮނީޝިއާގައި ވެސް ގޫގުލް އިން ކުރިއަރުވާ މޮޑެލެކެވެ.

ރޭލު ދަތުރުކުރާ މަގުތަކުގައި، 400 ގިމަތައިގައި ހިލޭ ވައިފައި ލިބޭ ގޮތަށް، "ގޫގުލް ސްޓޭޝަން" ވަނީ ބަހައްޓާފަ އެވެ. އިންޑިއާގައި މި ޕްރޮގްރާމް ފަށައިގަތީ 2015 ވަނަ އަހަރު އެވެ. ގޫގުލް އިން ބުނި ގޮތުގައި، ކޮންމެ މަހަކު އަށް މިލިއަން މީހުން މި ޚިދުމަތުގެ ބޭނުންހިފަ އެވެ. މި ޕްރޮޖެކްޓް ހިންގަނީ އިންޑިއަން ރެއިލްވޭސް، ރެއިލްޓެލް އަދި ގޫގުލް ގުޅިގެންނެވެ.

ގޫގުލް ސްޓޭޝަންތަކުން ވައިފައި ހޯދާ މީހުންނަށް 30 މިނެޓް ހިލޭ ލިބެ އެވެ. ދުވެލި ރަނގަޅު އިންޓަނެޓް އިޝްތިހާރާ އެކު ނަމަވެސް އެއީ އާންމު ފަރުދުންނަށް ބޮޑު ފަސޭހައެއް ކަމަށް ޚިދުމަތްހޯދާ މީހުންބުނެވެ. ރޭލް ސްޓޭޝަންތަކުން ވައިފައި ހޯދުމުގައި ހިލޭ ލިބޭ މިންވަރުން ނުފުދޭ ނަމަ 19 ރުޕީ ދެއްކުމުން އިޝްތިހާރާ ނުލައި އިންޓަނެޓް ލިބެ އެވެ. އަދި މަހަކަށް ނަމަ 149 ރުޕީ ދެއްކުމުން ފުދުނީ އެވެ.

ގޫގުލް ސްޓޭޝަންތަކާ މެދު އާންމުން ދެކޭ ގޮތް ބެލުމަށް ގޫގުލް އިން ކުރި ސާވޭއަކުން، އާންމުން އުފާކުރާ ޚިދުމަތެއް ކަމަށް ވަނީ ދައްކާފަ އެވެ. އެހެންވެ މި ޚިދުމަތް އިތުރަށް ފުޅާކުރަން ގޫގުލް ބޭނުންވެ އެވެ. އެ ގޮތުގައި، ރޭލް ސްޓޭޝަންތަކުގެ އިތުރުން އާންމުން އެއްވެ އުޅޭ އެހެން ސަރަހައްދުތަކަށް ވެސް ވައިފައި ދޭން ވިސްނާ ކަމަށް ގޫގުލުން ބުނެ އެވެ.