ބޮލުގައި ނުރަޖެހުމާ ގުޅުން ހުރި ޖީންއެއް ފެނުމާ ގުޅިގެން، ނުރަވުން ހުއްޓުވުމަށް ސައިންސްވެރިން ކުރަމުންދާ މަސައްކަތަށް އިތުރު ކުރިއެރުމެއް ލިބިއްޖެ އެވެ.
ޔުނިވާސިޓީ ކޮލެޖް ލަންޑަންގެ ތަޖުރިބާކާރުން ހޯދި އައިއާރުއެފް4 ނަމަކަށް ކިޔާ ޖީން އަކީ އިސްތަށިގަނޑުގެ ކުލަ އުފައްދައި އަދި ކޮންޓްރޯލްކުރާ މެލަނިން ބަލަހައްޓައި ޖީން ކަން ވަނީ އެނގިފަ އެވެ.
އިސްތަށިގަނޑުގެ އިތުރުން، އިންސާނުންގެ ހަމުގެ އަދި ލޮލުގެ ކުލަ ވެސް ކަނޑައަޅަނީ ހަށިގަނޑުގައި މެލަނިން ހުންނަ މިންވަރަކުންނެވެ.
އިސްތަށި ނުރަވަނީ މެލަނިން ނެތުމުގެ ސަބަބުން ކަމުގައި ވުމުން، އެ މައުލޫމާތުގެ އަލީގައި، އެކަން ހުއްޓުވޭނެ ގޮތްތައް ހޯދަމުން އަންނަ ކަމުގައި އެ ޔުނިވާސިޓީ އިން ވަނީ ބުނެފަ އެވެ.
މީގެ އިތުރުން، އިސްތަށިގަނޑު ބުޅިވާ މިންވަރާއި، ތުނބުޅި އަދި ބުމައިގެ ބޯމިން ކަނޑައަޅާ ޖީން ވެސް ފެނިފައިވާ ކަމަށް ސައިންސްވެރިން ވަނީ ބުނެފަ އެވެ.
އަދި ނުރަ އުފުރުމަކީ ނުރަ ގިނަވާ ކަމެއް ކަމުގައި ގިނަ މީހުން ގަބޫލުކުރި ނަމަވެސް، އެންމެ ފަހުގެ މި ހޯދުމުން އެކަމަށް ބާރު ލިބޭ އެއްވެސް ހާއްސަ ހެއްކެއް ފެނިފައެއް ނުވެ އެވެ.
އެހެން ކަމުން، މާ އަވަހަށް ނުރަވާތީ މާޔޫސްވެ ދެރަވެގެން އުޅޭ މީހުންނަށް އެންމެ ފަހުގެ މި ހޯދުމުގެ ސަބަބުން ހައްލެއް ލިބުމުގެ އުއްމީދު ވަނީ އާވެފަ އެވެ.
ޔުނިވާސިޓީ ކޮލެޖް ލަންޑަންގެ އިތުރުން އިނގިރޭސި ވިލާތުގެ އެހެން ޓީމަކުން ވެސް މި މައްސަލަ ހައްލުކުރަން ދަނީ މަސައްކަތް ކުރަމުންނެވެ. ނުރަ ޖެހުމުން، ބޮލުގައި ކޮންމެ ވެސް ކުލައެއް ޖެއްސުމުގެ ބަދަލުގައި، އެ ޓީމުން އަންނަނީ އެކަމުގެ ފުނަށް ފީނަމުންނެވެ.
އެޓީމުން އުފެއްދި ހާއްސަ ކްރީމް ދިރާސާގައި ބައިވެރި މީހުންގެ ބުމާގައި ހޭކުމުން، އެމީހުންގެ ބުމައިގެ އަސްލު ކުލަ އަށް ރުޖޫއަ ވެފައިވާ ކަމަށްވެ އެވެ.