މިދިޔަ މަހުގެ ދެ ވަނަ ދުވަހުގެ ރޭ ވެސްޓަން ޔުނިއަން އަށް ވަދެ އެތަނުން އެތައް މިލިއަން ރުފިޔާއެއް ފޭރުނު މައްސަލާގައި އިތުރު މީހަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އެ މައްސަަލައިގެ ތަހުގީގަށް 20 އަހަރުގެ ދިވެއްސެއް މިިދިޔަ އާދިއްތަ ދުވަހު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އަދި އޭނާގެ ބަންދަށް ކޯޓުން ހަތް ދުވަސް އިތުރު ކޮށްދީފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

މީގެ ކުރިން ވެސް ފުލުހުން ވަނީ ވެސްޓަން ޔުނިއަންގެ ބޮޑު ފޭރުމާ ގުޅިގެން މީހަކު ހައްޔަރު ކޮށްފަ އެވެ. އެ މީހާ އަދި ވެސް ހުރީ ފުލުހުންގެ ބަންދުގަ އެވެ.

އެ މީހުން އެ ފައިސާތައް ފޭރުނީ ވެސްޓަން ޔުނިއަންގައި މަސައްކަތް ކުރާ މުވައްޒަފުން ބަނދެފަ އެވެ.

ފުލުހުން ކުރިން ބުނެފައިވާ ގޮތުގައި ފޭރުނު ފައިސާގެ ތެރެއިން ހަ މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ހޯދައިފަ އެވެ. އެއީ 1.1 މިލިއަން ރުފިޔާ އާއި 321،000 އަށް ވުރެ ގިނަ ޑޮލަރު (4.9 މިލިއަން ރުފިޔާ) އެވެ.

ރާއްޖޭގައި ވަޒީފާ އަދާކުރާ ބޭރުގެ ވަރަށް ގިނަ ބަޔަކު އެ މީހުންގެ ގައުމަށް ފައިސާ ފޮނުވަން ވެސްޓަން ޔޫނިއަން ބޭނުންކުރެ އެވެ.