މާލޭގައި ހުންނަ ވެސްޓަން ޔޫނިއަންގެ އޮފީސް ފަޅާލައި އެތައް މިލިއަން ރުފިޔާއެއް ފޭރިގެން މައްސަލައިގައި ތުހުމަތުކުރެވޭ މީހާގެ ބަންދަށް 10 ދުވަސް ކްރިމިނަލް ކޯޓުން ޖަހައިދީފި އެވެ.
މި މަހުގެ ދެ ވަނަ ދުވަހުގެ ރޭ، މޫނު ނިވާކޮށްގެން ތިބި ބަޔަކު ވެސްޓަން ޔޫނިއަން އަށް ވަދެ އެ ތަނުގައި ތިބި މުވައްޒަފުން ބަނދެ ގިނަ އަދަދެއްގެ ފައިސާ ފޭރުނު މައްސަލައިގައި މީހަކު ހައްޔަރުކުރީ މިދިޔަ ބުދަ ދުވަހު އެވެ. އޭނާއާ ބެހޭ އިތުރު މައުލޫމާތު ނުދިނަސް، ފުލުހުންގެ ތަރުޖަމާނަކު ވަނީ އެ މީހާގެ ބަންދަށް 10 ދުވަސް ޖަހާފައިވާކަން މިރޭ ކަށަވަރުކޮށް ދެއްވާފަ އެވެ.
ފުލުހުން ކުރިން ބުނެފައިވާ ގޮތުގައި ފޭރުނު ފައިސާގެ ތެރެއިން ހަ މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ހޯދާފަ އެވެ. އެއީ 1.1 މިލިއަން ރުފިޔާ އާއި 321،000 އަށް ވުރެ ގިނަ ޑޮލަރު (4.9 މިލިއަން ރުފިޔާ) އެވެ.
އެންމެ ގިނަ ފައިސާ ހޯދީ، ވަގުން ދުވެފައި ގޮސް ވަން، ވެސްޓަން ޔޫނިއަން އޮފީހާ މާ ދުރުގައި ހުންނަ ހ. ތާޅަފިލިގޭގެ ލިފްޓް ގޮޅިންނެވެ. އެ ގޮތުން، ފައިސާ އަޅާފައި ހުރި ދަބަހެއްގެ އިތުރުން ލިފްޓް ގޮޅީގެ ތެރެއިން ބިންމަތީގައި ވެސް، ފަސް ސަތޭކަ ރުފިޔާގެ އެތައް ބޮޑިއެއް ހުއްޓާ ފެނިފައިވެ އެވެ.
އެކަމަކު، ފޭރުނު ފައިސާގެ ޖުމުލަ އަދަދެއް މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.
ރާއްޖޭގައި ވަޒީފާ އަދާކުރާ ބޭރުގެ ވަރަށް ގިނަ ބަޔަކު އެމީހުންގެ ގައުމަށް ފައިސާ ފޮނުވަން ވެސްޓަން ޔޫނިއަން ބޭނުންކުރެ އެވެ. އެ އޮފީހުގެ އިތުރުން ވިލާ ޓްރެވަލްސްގެ ބައެއް ޓިކެޓިންގެ ހިދުމަތް ވެސް އެ ތަނުން ފޯރުކޮށްދެ އެވެ.