އަންނަ އަހަރު އޮންނަ ރިޔާސީ އިންތިހާބަށް ތައްޔާރުވުމަށް ރައީސް އަބްދުﷲ ޔާމީންގެ މާލޭ ކެމްޕޭން އޮފީސް މިރޭ ރަސްމީކޮށް ހުޅުވައިފި އެވެ.

ކުރިން ވެސްޓްޕާކް ރެސްޓޯރަންޓް ހިންގި ތަނުގައި ހެދި އޮފީސް ހުޅުވައިދެއްވީ ރައީސް ޔާމީން އެވެ. އެ ރަސްމިއްޔާތުގައި ރައީސް ޔާމީންގެ ދެކަނބަލުންގެ އިތުރުން ބައެއް ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ރައީސް ޔާމީންގެ ކެމްޕޭން ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް ޔާމީން ބައެއް ބޭފުޅުންނާ ސަލާމްކުރައްވަނީ.
ރައީސް ޔާމީންގެ ކެމްޕޭން ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް ޔާމީން ބައެއް ބޭފުޅުންނާ ސަލާމްކުރައްވަނީ.

އެ ރަސްމިއްޔާތުގައި ރައީސް ޔާމީން ދެއްކެވި ވާހަކަފުޅުގައި ސަރުކާރުން ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑިތަކާ ހަމައަށް ވާސިލުވުމަށް ހުރިހާ ރައްޔިތުން ވެސް ގުޅިގެން، އިހުލާސްތެރި ކަމާއެކު މަސައްކަތްކުރުން މުހިންމު ކަމަށް ވިދާޅުވި އެވެ. އަދި ދިވެހި ރައްޔިތުންގެ ލާބައަށްޓަކައި ސަރުކާރުން ހިންގާ މުހިންމު މަޝްރޫއުތަކަށް ހުރިހާ ރައްޔިތުން ވެސް އެއްބާރުލުން ދިނުމަށް އެދިވަޑައިގެންނެވި އެވެ.

ކުރިން ވެސްޓްޕާކު ހިންގި ތަނުގައި ހެދި ރައީސް ޔާމީންގެ ކެމްޕޭން އޮފީސް.
ކުރިން ވެސްޓްޕާކު ހިންގި ތަނުގައި ހެދި ރައީސް ޔާމީންގެ ކެމްޕޭން އޮފީސް.

ރައީސް ޔާމީންގެ ކެމްޕޭންގައި އިސްކޮށް އުޅުއްވާ މިފްކޯގެ މެނޭޖިން ޑިރެކްޓަރު އަދުލީ އިސްމާއިލް ވިދާޅުވީ އެ އޮފީހަކީ ރައީސް ޔާމީންގެ ކެމްޕޭންގެ އޮޕަރޭޝަން މެނޭޖްކުރުމާއި ޓްރެނިން އާއި ރަށްރަށުގެ ޖަގަހަތައް ބެލެހެއްޓުމުގެ މަސައްކަތްތައް ކުރުމަށް ހެދި ތަނެއް ކަމަށެވެ.

"މިއީ ކުރިން މެޑަމް ކެމްޕޭން އޮފީހުން ކުރަމުން އައި މަސައްކަތްތައް ކުރަން ހެދި ތަނެއް. އެ އޮފީސް ރިލޮކޭޓްކޮށްލީ. މިތަނުގައި މައިގަނޑު ގޮތެއްގައި ކުރިޔަށްދާނީ އަންނަ އަހަރުގެ ރިޔާސީ އިންތިހާބު ކެމްޕޭންގެ މަސައްކަތްތައް،" އޭނާ ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ކެމްޕޭން އޮފީސް ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް ޔާމީނާއި ޕާޓީގެ އިސްބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ.
ރައީސް ޔާމީންގެ ކެމްޕޭން އޮފީސް ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް ޔާމީނާއި ޕާޓީގެ އިސްބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ.

އަދުލީ ވިދާޅުވީ ހަތަރު ބުރިއަށް ހަދާފައިވާ އޮފީސް އިމާރާތުގައި ކެމްޕޭން އޮފީހެއްގައި ހުންނަން ޖެހޭ ހުރިހާ ކަމެއް ހިމެނިފައިވާނެ ކަމަށެވެ. އެގޮތުން ބައްދަލުވުންތަކާއި ޓްރެނިން ބާއްވާނެ ހޯލްތަކާއި އޮފީސް ބައެއް ވެސް ހިމެނޭނެ ކަމަށް ވިދާޅުވި އެވެ.