ބާމިންހަމް (ޖެނުއަރީ 3) - އިނގިރޭސި ޗެމްޕިއަންޝިޕްގައި ބާމިންހަމް ސިޓީގެ ކޯޗުކަމުން އިނގިރޭސި ކުރީގެ ފޯވާޑް ވޭން ރޫނީ ވަކިކޮށްފި އެވެ.

މިދިޔަ އޮކްޓޫބަރު މަހުގެ 11 ވަނަ ދުވަހު ބާމިންހަމްގެ ކޯޗުކަމާ ހަވާލުވެ، ރޫނީ ވަނީ 15 މެޗުގައި އެޓީމަށް އިރުޝާދު ދީފަ އެވެ. އޭގެ ތެރެއިން މޮޅުވީ އެންމެ ދެ މެޗުންނެވެ. އަދި ނުވަ މެޗުން ވަނީ ބަލިވެފަ އެވެ.

ރޫނީ ބާމިންހަމްއާ ހަވާލުވިއިރު އެޓީމު އޮތީ ލީގުގެ ހަ ވަނައިގަ އެވެ. ނަމަވެސް ހޯމަ ދުވަހު ލީޑްސް ޔުނައިޓެޑް އަތުން ބަލިވެ، އެޓީމު މިހާރު ވަނީ ލީގުގެ 20 ވަނައަށް ވެއްޓިފަ އެވެ.

ލީޑްސް އަތުން 3-0 އިން ބަލިވި މި މެޗުގައި ބާމިންހަމްގެ ސަޕޯޓަރުން ވެސް ވަނީ ރޫނީ މަގާމުން ވަކިކުރަން ގޮވާލައިފަ އެވެ.

އިނގިރޭސި ވިޔަފާރިވެރިޔާ ޓޮމް ވެގްނާ މިދިޔަ އަހަރު ބާމިންހަމްގެ މެޖޯރިޓީ ހިއްސާ ގަނެ، އޭނާ ވަނީ މިދިޔަ ސީޒަންގައި އެޓީމު ރެލިގޭޝަނުން ސަލާމަތް ކޮށްދިން ކޯޗު ޖޯން ޔޫސްޓޭސް މަގާމުން ދުރުކޮށް، އެ މަގާމަށް ރޫނީ ގެނެސްފަ އެވެ.

"ބާމިންހަމް އިން ވަނީ މެނޭޖަރު ވޭން ރޫނީ އާއި ފަސްޓް ޓީމް ކޯޗު ކާލް ރޮބްސަން ވަނީ މަގާމުން ވީއްލާފައި. އެމީހުންގެ ބުރަ މަސައްކަތްތަކާ އެކު ވެސް ނަތީޖާ ނުނެރެވުމާ ގުޅިގެން ކުލަބްގެ ބޯޑުން ނިންމީ މެނޭޖަރުން ބަދަލުކުރަން.،" ބާމިންހަމްގެ ބަޔާނުގައި ވެއެވެ.

ރޫނީ ވެސް ވަނީ ފުޓްބޯޅައަކީ ނަތީޖާ ނެރުން މަޖުބޫރު ވިޔަފާރިއެއް ކަމަށާއި ނަމަވެސް، 13 ހަފްތާ އަކީ އޭނާއަށް ކްލަބުގެ ކަންކަން ބަދަލުކުރަން އެންމެ އެކަށޭނަ މުއްދަތެއް ނޫންކަން ފާހަގަ ކޮށްފަ އެވެ.

"ފުޓްބޯޅައަކީ ނަތީޖާ ނެރެން މަޖުބޫރު ވިޔަފާރިއެއް. އަހަރެން ގަބޫލުކުރަން ޓީމު އޮތީ އަހަރެން ބޭނުންވި ލެވެލްގައެއް ނޫން. އެކަމު މެނޭޖަރަކަށް އެންމެ މުހިއްމު އެކައްޗަކީ ވަގުތު. އަހަރެންނަށް ލިބުނު 13 ހަފްތާއަކީ އަހަރެން ބޭނުންވާ ކަންކަން ރަނގަޅުކުރަން އެންމެ އެކަށޭވަ މުއްދަތެއް ކަމަށް ގަބޫލެއް ނުކުރަން،" ރޫނީ ހިއްސާކުރި ސޯޝަލްމީޑިއާ ޕޯސްޓުގައި ވެއެވެ.

މިހާރު އުމުރުން 38 އަހަރުގެ ރޫނީ ބުނީ "މި ނާކާމިޔާބީން އަރައިގަންނަން ވަގުތުކޮޅެއް ނަގާނެ" ކަމަށާއި އަދި މި ވަގުތަކީ އޭނާ މެނޭޖަރެއްގެ ގޮތުގައި ދެން އޮތް ފުރުސަތަކަށް ތައްޔާރުވާން މުހިއްމު ވަގުތުކޮޅެއް ކަމަށެވެ.

ރޫނީ ބާމިންހަމް އާ ގުޅުނީ އެމެރިކާ ލީގުގެ ޑީސީ ޔުނައިޓެޑަށް ކޯޗު ކޮށްދީފަ އެވެ. ޑީސީ ޔުނައިޓެޑާ ހަވާލު ވުމުގެ ކުރިން ރޫނީ ކޯޗިން ފެށީ ޑާބީ ކައުންޓީ އިންނެވެ.

ބާމިންހަމް އެންމެ ފަހުން ޕްރިމިއާ ލީގުގައި ކުޅުނީ 2011 ވަނަ އަހަރެވެ. އެއަހަރު އެޓީމުން ވަނީ ލީގް ކަޕް ފައިނަލްގައި އާސެނަލް ބަލިކޮށް މުބާރާޓުގެ ތަށި އުފުލާލައިފަ އެވެ.