ލަންޑަން (އޮގަސްޓް 29) - ވޯޓްފޯޑްގެ މައްޗަށް 1-0 އިން ކާމިޔާބު ހޯދައި ޕްރިމިއާ ލީގުގައި ކުޅުނު ތިން މެޗުން ވެސް މޮޅުވެ ޓޮޓެންހަމް ހޮޓްސްޕާސް ތާވަލުގެ އެއް ވަނަ މަގާމަށް ޖެހިލަިއފި އެވެ.

ނުވަ ޕޮއިންޓާ އެކު އެއް ވަނައިގައި ސްޕާސް އޮތީ ތިން މެޗުން މޮޅުވެގެންނެވެ. ބައިކޮޅަށް އެންމެ ލަނޑެއް ވެސް އަދި ނުވަދެ އެވެ. އަމިއްލަ ދަނޑުގައި މިއަދު ކުޅުނު މެޗަށް އެ ޓީމު ނުކުތީ ބޮޑު ހިތްހަމަޖެހުމާ އެކު އެވެ. ޓީމުގެ ސްޓާ ފޯވަޑް ހެރީ ކޭން ޓީމުގައި މަޑު ކުރާނެކަމުގެ ޔަގީންކަން ސްޕާސްގެ ކުޅުންތެރިންނަށާއި ސަޕޯޓަރުންނަށް ލިބުނު ހިތްހަމަޖެހުމާ އެކު އެވެ. ކޯޗު ނޫނޯ އެސްޕިރީޓޯ ސަންޓޯސް ވަނީ ލީގުގައި ފުރަތަމަ ފަހަރަށް ފުރަަތަމަ 11 އިން ކޭން އަށް ފުރުސަތު ދީފަ އެވެ.

މެޗުން ސްޕާސް މޮޅުކޮށްދިން ލަނޑު ޖެހީ މި ސީޒަން ފެށުނު އިރު ވެސް އާދަޔާ ހިލާފް ފޯމެއްގައި ހުރި ސޮން ހެއުން މިން އެވެ. މެންޗެސްޓާ ސިޓީ ބަލި ކުރަން ވެސް ލަނޑު ޖެހި ސޮން، ޕްރިމިއާ ލީގުގައި ކުޅުނު 200 ވަނަ މެޗުގައި ލަނޑު ޖެހީ މޮޅު ހިލޭ ޖެހުމަކުންނެވެ.

ސޮން އާއި ކޯޗް ނޫނޯ --- ފޮޓޯ: އޭއެފްޕީ
ސޮން އާއި ކޯޗް ނޫނޯ --- ފޮޓޯ: އޭއެފްޕީ

ފުރަތަމަ ހާފުގެ 42 ވަނަ މިނިޓްގައި ހިލޭ ޖެހުން ލިބުނީ އޭރިއާގެ ބޭރުން އަރިމަތީ ކަނާ ދިމާލުންނެވެ. ކޮރެއާގެ ފޯވަޑް ވަނީ ގޯލްގެ ދުރު ކަނަށް ހިލޭ ޖެހުން ފޮނުވާލައިފަ އެވެ. ބޯޅަ ވިނަގަނޑުގައި ޖެހިފައި ދިއުމުން އެ ބޯޅަ ދިފާއު ކުރަން ވަޓްފޯޑްގެ ކީޕަރު ޑެނިއެލް ބާކްމަން އަށް ވެސް އުނދަގޫ ކުރިމަތިވި އެވެ.

ޕްރިމިއާ ލީގުގައި ސޮންގެ 200 ވަނަ މެޗާ އެކު އޭނާ ހިމެނިފައި ވަނީ އޭޝިއާ އަށް ނިސްބަތްވާ ކުޅުންތެރިންގެ ތެރެއިން ޕްރިމިއާ ލީގުގައި އެ އަދަދަށް މެޗު ކުޅުނު ފުރަތަމަ ކުޅުންތެރިޔާ އަށެވެ.

ބާންލީ އާއި ލީޑްސް ޔުނައިޓެޑް މިއަދު ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.