ނިއުދިއްލީ (ޖޫން 17) - އެކި ސަރަހައްދުތަކުން 600 މިލިއަނަށް ވުރެ ގިނަ މީހުން ފެނަށް ޖެހި، މިހާތަނަށް ތަޖުރިބާ ނުކުރާ ވަރުގެ ބޮޑު 'ގައުމީ ކަރުހިއްކުމަކަށް' ގައުމު ހިނގައިދާނެ ކަމުގެ އިންޒާރު އިންޑިއާގެ ތަޖުރިބާކާރުން ދީފި އެވެ.

އިންޑިއާގެ 29 ސަހަރުގެ ތެރެއިން 24 ސަހަރެއްގެ ފެނުގެ ހާލަތު ދިރާސާކުރުމަށް ފަހު ނެޝަނަލް އިންސްޓިޓިއުޓް ފޯ ޓްރާންސްފޯމިން އިންޑިއާ، އިން ނެރުނު ރިޕޯޓުގައި ހާމަކޮށްފައިވާ ގޮތުގައި 2020 ވަނަ އަހަރު ނިމުމުގެ ކުރިން 21 ސިޓީއެއްގެ ބިމުގެ ގުދުރަތީ ފެން ފަށަލަ އެކުގައި ހުސްވުމުގެ ބިރު އެބަ އޮތެވެ.

މީގެ އިތުރުން މިހާރު އެ ގައުމުގެ ފެން ފަށަލައިގެ ޖުމްލަ 80 ޕަސެންޓް ބަރޯސާވާ ދަނޑުވެރިކަމުގެ ސިނާއަތު ކުރިއަށް އޮތް ތަނުގައި ހީނަރުވެ، ކާބޯތަކެތީގެ އުފެއްދުންތެރިކަން ދަށަށް ދާނެ ކަމަށް ވެސް ވަނީ ލަފާކޮށްފަ އެވެ.

ރިޕޯޓުގައި ފާހަގަކޮށްފައިވާ ގުޖުރާތާއި މަދިޔަ ޕްރަދޭޝް އާއި އަންދްރަ ޕްރަދޭޝްގައި ފެނުގެ ހާލަތު މިވަގުތު ރަނގަޅު ނަމަވެސް އިންޑިޔާގެ އާބާދީގެ ދެބައިކުޅަ އެއްބައި ދިރިއުޅެނީ މިހާރު އެންމެ ބޮޑަށް ފެނުގެ ދަތިކަން ދިމާވެފައިވާ ހަރިޔާނާ އާއި އުއްތަރަ ޕްރަދޭޝްގަ އެވެ. ދަނޑުވެރިކަމާއި ކާބޯތަކެތީގެ އުފެއްދުންތަކުގެ ބޮޑު ބައެއް ހިއްސާކުރަނީ ވެސް މި ސަރަހައްދުތަކުންނެވެ.

އިންޑިއާގެ ގިނަ ސިޓީތަކުގައި އެކަށީގެންވާ ފެނުގެ ނިޒާމެއް ގާއިމުކުރެވިފައި ނެތުމުގެ ސަބަބުން ހޫނު މޫސުމުގައި އެކި ސަރަހައްދުތައް ފެނަށް ޖެހުން އާންމެވެ.

ސާފު ބޯފެން ނުލިބުމުގެ ސަބަބުން އަހަރަކު އެވްރެޖްކޮށް އިންޑިއާގެ ދެ ލައްކައެއްހާ މީހުން މަރުވާ ކަމަށް އެ ރިޕޯޓުގައި ވެއެވެ،