މި އަހަރުގެ މިހާތަނަށް ސަރުކާރުން ނަރުދަމާގެ މަޝްރޫއުތަކަށް އެއް ބިލިއަން ރުފިޔާ ހޭދަކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކުރި މައުލޫމާތުން އެނގޭ ގޮތުން، ނަރުޒަމާގެ ނިޒާމު ގާއިމް ކުރުމަށް 838 މިލިއަން ރުފިޔާ ހަރަދުކޮށްފައި ވެ އެވެ. އަދި ފެނުގެ ހިދުމަތް ދޭން 169 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ. ފެނާއި ނަރުދަމާއަށް ބަޖެޓުން ހޭދަކޮށްފައިވަނީ ކަނޑައެޅި ބަޖެޓަށް ވުރެ 429 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

ޕީއެސްއައިޕީ ބަޖެޓުން މިހާތަނަށް ވަނީ 8.2 ބިލިއަން ރުފިޔާ ހޭދަކޮށްފަ އެވެ. އެއީ ކަނޑައެޅި ބަޖެޓުގެ 96 ޕަސެންޓެވެ. ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތެރެއިން އެންމެ ބޮޑު އަދަދެއް ހޭދަކުރީ، ބަނދަރު ހެދުމާއި އެއާޕޯޓުގެ މަޝްރޫއުތަކަށެވެ. އެ މަސައްކަތްތަކަށް 2.7 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ. އަދި މަގު ހެދުމާއި ބިން ހިއްކުމަށް 2.1 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.

މިދިޔަ އަހަރު ޕީއެސްއައިޕީ މަޝްރޫއުތަކަށް 8.9 ބިލިއަން ރުފިޔާ ހޭދަކުރި އެވެ.

ޕީއެސްއައިޕީ މަޝްރޫއުތައް ކަނޑައެޅުމުގައި ދިވެހި ކުންފުނިތަކަށް އިސްކަން ދިނުމަށްޓަކައި ޕްރޮކިއުމެންޓް ޕޮލިސީ އަށް ބަދަލު ވަނީ ގެނެސްފަ އެވެ.

މި އަހަރުގެ ބަޖެޓުގައި މުޅިން އަލަށް ފަށާ 204 މަޝްރޫއަކަށް 483.7 މިލިއަން ރުފިޔާ ހޭދަކުރަން ކަނޑައަޅައިފައިވެ އެވެ. ޓެންޑަރިން މަރުހަލާގައިވާ 311 މަޝްރޫއަކަށް 527.5 މިލިއަން ރުފިޔާ އަދި ޕްރީ ޓެންޑަރިން މަރުހަލާގައިވާ 479 މަޝްރޫއަކަށް 1.2 ބިލިއަން ރުފިޔާ ހޭދަކުރަން ނިންމާފައިވެ އެވެ.

ޕީއެސްއައިޕީ އަށް ކަނޑައަޅާފައިވާ 8.4 ބިލިއަން ރުފިޔާގެ ތެރެއިން 3.1 ބިލިއަން ރުފިޔާ އަކީ ޑޮމެސްޓިކް ބަޖެޓުން ކުރާ ހަރަދެވެ. އަދި ބޭރު ފަރާތްތަކުން ނަގާ ލޯނުން 4.1 ބިލިއަން ރުފިޔާ އަދި ބޭރުގެ ހިލޭ އެހީ އިން 713 މިލިއަން ރުފިޔާ ހަރަދު ކުރުމަށް ސަރުކާރުން ވަނީ ނިންމައިފަ އެވެ. އޭގެ އިތުރުން 439.5 މިލިއަން ރުފިޔާ ހަރަދު ކުރަނީ ގްރީން ފަންޑުންނެވެ.