ގޭގައި ތަކުރާރުކޮށް ހެދި ޕްރެގްނެންސީ ޓެސްޓުތައް ނެގެޓިވްއޭ ބުނީމާ ވެސް ޑޮކްޓަރު ލަފާކުރީ ކީލީ ފެވެލް ބަލިވެއިނީ ކަމަށެވެ. އޭނާގެ ބަނޑު އެހާ ވެސް ބޮޑެވެ. އޭނާ ފެނިފައި، ވިހަނީ ކޮން އިރަކުންތޯ ބައެއް މީހުން ސުވާލު ވެސް ކުރެ އެވެ. އެފަދަ މީހުން ލަދުނުގަންނަވަން ވެގެން ކީލީ އެކި ތާރީޚުތައް ދީ ވެސް ހަދަ އެވެ. އެކަމަކު ކީލީ ގަބޫލުކޮށްގެން ހުރީ އޭނާ މާ ބޮޑަށް ފަލަވީ ކަމަށެވެ.
ވޭލްސްގެ ސްވަންސީ އަށް ނިސްބަތްވާ ކީލީ، 28،ގެ ބަރުދަން މައްޗަށް ދާން ފެށީ 2014ގަ އެވެ. ދުވަސް ފުރާ ވިހަން ކައިރިވެފައި ހުރި މީހެކޭ އެއްވަރަށް އޭނާގެ ބަނޑު ބޮޑުވާން ދެ އަހަރު ނެގި އެވެ.
"ކަމެއް ގޯސްވެގެން އުޅޭ ކަމުގެ އިހުސާސެއް އަހަންނަކަށް ނުކުރެވޭ. ބަރުދަން އިތުރުވަމުން ދިޔައީ އެހާ ވެސް ލަސްލަހުން. އަހަރެން ހީކުރީ ހަމަ ފަލަވަނީއޭ،" ކީލީ ބީބީސީ އަށް ކިޔައިދިނެވެ.
ކީލީ ބުނިގޮތުގައި އޭނާ މާބަނޑު ކަމަށް ހީކުރާ މީހުން ގާތު ބަނޑުބޮޑެއް ނޫނޭ ބުނަން ވަރަށް ލަދުގަތެވެ. އެންމެ ފަހުން 2016ގައި ޑޮކްޓަރަށް ދާން ކީލީ ނިންމީ އޭނާ އެޑްމިން ވަޒީފާއެއް އަދާކުރާ އޮފީހުގައި އުޅެނިކޮށް އަނބުރައިގަތް ފަހުންނެވެ. ޑޮކްޓަރު ބުނީ އެ ވާނީ އޭނާ ބަނޑުބޮޑީ ކަމަށެވެ. އަދި އަލްޓްރަސައުންޑް ސްކޭނެއް ހަދަން ރޭޑިއޯލޮޖިސްޓެއްގެ ގާތަށް މިދިޔަ އަހަރުގެ ޖެނުއަރީ މަހު ޑޮކްޓަރު އޭނާ ފޮނުވި އެވެ.
ކަމެއް ގޯސްވެގެން އުޅޭކަން ކީލީ އަށް އެނގުނީ ޑޮކްޓަރުގެ މޫނުމަތިން ފެނުނު ހައިރާންކަމުގެ އަސަރުންނެވެ. އިމަޖެންސީ ސީޓީ ސްކޭނެއް ހެދި އިރު، އޯވަރީގައި ބޮޑު ސިސްޓެއް އިންކަން ޔަގީންވި އެވެ.
ރިސްކު ބޮޑު މާބަނޑު މީހުންނަށް ފަރުވާ ދޭ ޑޮކްޓަރަކު ކީލީ ބެލީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އެވެ.
"އެހާ ތަނަށް ދިޔަ އިރު ހިނގަން ވެސް، ނޭވާލާން ވެސް އުނދަގޫ،" ކީލީ ބުންޏެވެ.
އެންމެ ފަހުން އޮޕަރޭޝަންކޮށް މިދިޔަ އަހަރުގެ މާޗް މަހު ނެގި ސިސްޓުގައި 26 ކިލޯ ހުއްޓެވެ. އެއީ 7-8 އަހަރުގެ ކުއްޖެއްގެ ބަރުދަނެވެ.
ބަނޑުގައި ބޮޑު ލަކުނަކާއި ސްޓްރެޗްމާކްތަކެއް ލާފައި ހުއްޓަސް އުފާވެރި ޚަބަރަކީ ކީލީ އަށް ދަރިން ލިބުމުގެ ފުރުސަތު އަދިވެސް އެބަ އޮތެވެ.
ކީލީ ބުނީ ކާރު ދުއްވުމާއި ސިޑިން މައްޗަށް އެރުން ފަދަ އާދައިގެ ކަންކަން ވެސް އޭނާ އަށް އުނދަގޫވެފައި އޮތްކަން ވިސްނައިގަނެވުނީ ފަހުން ކަމަށެވެ. ސިސްޓު ނެގުމާ އެކު ކުރީގެ ދިރިއުޅުން އަނބުރާ ލިބިފައިވާތީ، އޮޕަރޭޝަން ކޮށްދިން ޑޮކްޓަރަށް އޭނާ ޝުކުރު އަދާކުރި އެވެ.