ކޮވިޑް-19 އާ ދެކޮޅަށް، އެންމެ ކުރީ ސަފުގައި މަސައްކަތްކުރާ މީހުން އެ އުފުލަނީ ކިހާ ބޮޑު ޒިންމާއެއްކަން، މުހައްމަދު އާސިފް (މޮންދު) އަށް އެނގިވަޑައިގަނެ އެވެ. ޓީވީއެމްގައި ހޭދަކުރެއްވި 22 އަހަރާއި އޭގެ ފަހުން ވީޓީވީގައި އުޅުއްވި އިރު، ގައުމީ އެކި ކަންކަމުގައި އޭނާގެ އޮތީ ގައުމީ ރޫހާއި ގައުމީ ޖޯޝެވެ. އެފަދަ ކޮންމެ ކަމެއްގައި އޭނާއަށް މީހުންގެ ހިދުމަތްތައް ފެނިވަޑައިގަންނަވަނީ، ހިތްވަރުދޭން ޖެހޭ، އަގުވަޒަންކުރަން ޖެހޭ ކަމެއްގެ ގޮތުގަ އެވެ.
"އިލާހީ މި ބިން، ކުރައްވާށި އަމާން" އޭނާގެ ހިޔާލުތަކަށް ވެރިވެގަތެވެ. ހިތްގައިމު، އަސަރު ގަދަ އަދި 30 އަހަރު ވެގެންދިޔަ އިރު ވެސް އޭގެ ފުން އިހުސާސްތައް ނުކެނޑޭ މި ލަވަ، މުޅިން ތަފާތު ގޮތަކަށް ހަދައި، މިދިއަ ބުރާސްފަތިދުވަހު އޭނާގެ ފޭސްބުކަށް ލީ، އެ ޖޯޝް ގެނެސް، އަދި ހިދުމަތްތެރިންގެ އަގުވަޒަންކުރުމުގެ ނިޔަތުގަ އެވެ.
އެކަމަކު ލަވައިގެ މަސައްކަތް ކުރައްވަން ޖެހިވަޑައިގަތީ، އާދަޔާ ހިލާފު ގޮތަކަށެވެ: އޭޑީކޭގައި އެޑްމިޓްވެގެން އޮންނަވަ އެވެ.
"ތިން މީހެއްގެ ވީޑިއޯ ނެގި ތަނުން ލޮކްޑައުން އައީ، ދެން ކަންދިމާކުރި ގޮތުން އެޑްމިޓްވާން ވެސް ޖެހުނީ،" އޭޑީކޭގައި އޮންނަވައި ފޯނުން ވާހަކަ ދައްކަވަމުން މޮންދު ވިދާޅުވި އެވެ.
މަޝްހޫރު ޅެންވެރިޔާ އަދި ވަޒީރުކަން ފަދަ ސަރުކާރުގެ މަތީ މަގާމުތަކެއް ފުރުއްވި އަބްދުއްރަޝީދު ހުސެން 1989 ގައި ހެއްދެވި އަދި އެ އަހަރުގެ ސްކޫލް ކުދިންގެ ލަވަ މުބާރާތުގައި އަމީނިއްޔާ ތަމްސީލްކުރެއްވި އޭނާގެ ދަރިކަނބަލުން އައިމިނަތު ތަސްނީމް ކިއުއްވި ލަވަ، އާ ވީޑިއޯއެއްގެ ގޮތުގައި މޮންދު ހުށައަޅައިދެއްވީ، 34 ބައިވެރިން ބޭނުންކޮށްގެންނެވެ. އޭގެ ތެރޭގައި މަޝްހޫރު ލަވަކިޔުންތެރިންނާއި ފިލްމީ ތަރިންނާއި ޓީވީ ހުށައެޅުންތެރިންގެ އިތުރުން ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވެސް ހިމެނިވަޑައިގަނެ އެވެ. ލަވައިގެ އެންމެ ފަހު ތަންކޮޅު ވިދާޅުވީ، އަބްދުއްރަޝީދު ހުސެއިން އެވެ.
ސިއްހީ ގޮތުން ދިމާވި ކުއްލި މައްސަލައަކާ ގުޅިގެން މޮންދު އޭޑީކޭގައި އެޑްމިޓް ވުން ނޫން ގޮތެއް ފެނިވަޑައެއް ނުގަތެވެ. އޭރު އޭނާގެ އެޕަލް ފޯނުން އޮތީ، މަޝްހޫރު ހުށައެޅުންތެރިޔާ އިބްރާޙިމް ރަޝީދު (އިއްބެ) އާއި ކުރީގެ ވީޓީވީގެ ޒުވާން ހުށައެޅުންތެރިޔާ އަހުމަދު ހަމީދު އަދި ސަންގު ޓީވީގެ ޝިފްލާ އިބްރާހިމްގެ ވީޑިއޯ ނަންގަވައިފަ އެވެ.
"ދެން ލޮކްޑައުން އައިމަ ނުއެއް ނުކުމެވޭނެތާ. ދެން އެކި މީހުންނަށް ގުޅައިގެން އެ މީހުން އަމިއްލައަށް ވީޑިއޯ ނަގައިގެން ފޮނުވާ ގޮތަށް އެދުނީ،" މޮންދު ވިދާޅުވި އެވެ.
"އެކި މީހުންނަށް ދޭ ތަންކޮޅު ކިޔަން ޖެހޭ ސްކޭލް އާއި ޕިޗާ ދިމާކުރެވޭ ގޮތަށް އިރުޝާދުދީ ހެދިން. ދެން އެމީހުން އަމިއްލައަށް ވީޑިއޯ ކޮށްގެން ފޮނުވީ."
ލަވަ 34 ބަޔަށް ބައިކުރަން ޖެހުނީ، އޮރިޖިނަލް ލަވައިގައި ހިމެނޭ ދެ ކަޑީގެ އިތުރަށް މުޅިން އާ ބައެއް އިތުރުކުރުމުންނެވެ. މޮންދު ވިދާޅުވި ގޮތުގައި، އޭނާއަށް މައުލޫމާތު ލިބިވަޑައިގެންފައި ވަނީ އެއީ ކުރިންސުރެ އަބްދުއްރަޝީދު ހައްދަވާފައި އޮތް އެކަމަކު މިހާތަނަށް އާންމުނުކުރައްވާ ބައެއް ކަމެވެ.
ކުޑަކުޑަ ހިއްސާއެއް
ހަނދާނުން ފިލައިގެން ނުދާނެ ބޮޑެތި ކާރިސާތަކުގެ ކަވަރޭޖްގައި މޮންދު އުޅުއްވި އެވެ. އެ ގޮތުން 2004ގެ ހިތާމަވެރި ސުނާމީ ކާރިސާގެ ތެރޭގައި "އިލާހި މި ބިން، ކުރައްވާށި އަމާން" އަލުން ޓީވީއެމުން އާންމުކޮށް ގެނެސްދޭން ފެށުމުން، ކުރިއަށް ވުރެ ބޮޑު ގައުމީ އިހުސާސްތަކެއް އޭނާގެ ހިތަށް ވެސް ވަނެވެ. ގައުމީ ބޮޑެތި މައްސަލަތަކުގައި ދިވެހިން އެއްގަލަކަށް އަރުވައި، އެއްބައިވަންތަކަން ބޮޑުކުރަން އެއަށް ވުރެ ބާރު ގަދަ ލަވައެއް މަދުވާނެ ކަމަށް އޭނާ ދެކެވަޑައިގަނެ އެވެ.
"އެ ލަވައަކީ ވެސް ގައުމު ދެކެ ލޯބިވާން، ގައުމީ ލޯބި ދަސްކޮށްދޭން ހެދި ލަވައެއް. އަނެއްކާ ވަރަށް އެހެން ކަހަލަ އިހުސާސްތަކެއް ކޮށްދޭ ލަވައެއް އެއީ. އަޑުއިވޭ އިރު އޭގެ ތެރެއަށް، އޭގެ ފުންކަމުގެ ތެރެއަށް ވަދެގެން ދޭ،" މޮންދު ވިދާޅުވި އެވެ.
ހޮސްޕިޓަލްގައި އެޑްމިޑްކުރަން ނުޖެހުނު ނަމަ، މިހާރަށް ވުރެ ފުރިހަމަކޮށް ވީޑިއޯ ތައްޔާރުކުރެއްވުނީސް ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ. އެކަމަކު ރޯދައިގެ ކުރިން ނެރުއްވަން އަޒުމް ކަނޑައަޅުއްވާފައި އޮތުމާ އެކު، ކުއްލި ލޮކްޑައުން އަޔަސް އަދި ހޮސްޕިޓަލްގެ އެނދުގައި، ގުނޑާނުލެވި އޮންނަން ޖެހިވަޑައިގަތަސް، މަސައްކަތް ކުރިއަށް ގެންދެވި އެވެ.
"އަސްލު އެހާ އުނދަގޫ ކަމެއް ނޫން އެއީ. އެކަމަކު މި ގޮތަށް އޮންނަން ޖެހުމުން ވަރަށް އުނދަގޫވި. ފަރާތަކަށް ގުޑާ ވެސް ނުލެވި ފުރަތަމަކޮޅު ދިޔައީ. އެކަމަކު އެންމެންގެ އަތުން ވީޑިއޯ ހޯދައި، ގޯސްކޮށް ނެގިފައި ހުރި އެއްޗެހި އަލުން ރަނގަޅުކޮށްލަން ބުނެ، އެކަހަލަ ގޮތަށް އުޅެމުން ނިންމާލެވުނު،" މޮންދު ވިދާޅުވި އެވެ.
ކޮވިޑް-19 އާ ދެކޮޅަށް ފުރަތަމަ ސަފުގައި މަސައްކަތްކުރާ މީހުން އުފުލާނެ ބުރަ އާއި ކުރިމަތިވާނެ އުނދަގޫތަކާއި ކެތްތެރިވާން ޖެހޭނެ މިންވަރު، މޮންދު އަށް އިހުސާސްކުރެއްވެ އެވެ. އެ ހުންނަނީ އާދަޔާ ހިލާފު ގައުމީ ބޮޑެތި ގުރުބާނީތަކެއް ކަމަށް ވެސް، ގަބޫލުކުރައްވަ އެވެ. އެހެންކަމުން އެ އެންމެންނަށްޓަކައި އާންމުން އެއްބައިވަންތަކުރުމާއި ގައުމީ ލޯތްބާއި ޖޯޝް އުފައްދައިދޭން ކިތައްމެ ކުޑަ ކަމެއް ކުރެއްވުނަސް، އެއީ ގައުމު މިހާރު އޮތް ދަތި އުނދަގޫ އަދި ބިރުވެރި ހާލަތުގައި އޭނާއަށް ވެވޭ ކުޑަ ހިއްސާއެއް ކަމަށް ވިދާޅުވި އެވެ.
"ބްރޯޑްކާސްޓިންއާ ދުރުގައި މިވަގުތު މި އުޅެވެނީ. އެކަމަކު ހިތަށްއެރީ އެއްބަޔަކު އެހާ ބޮޑު މަސައްކަތެއްގައި އުޅޭ އިރު ކޮންމެވެސް ކަމެއް ކޮށްދޭން ޖެހޭނޭ،" މޮންދު ވިދާޅުވި އެވެ.
"އާންމުން މިކަން ބަލައިގަންނާނެ ކަމަށް ހީކުރަން."
އެއްވެސް ޝައްކެއް ނެތެވެ. މިހާތަނަށް އެ ވީޑިއޯ، އޭނާގެ ފޭސްބުކް ޕޭޖުން 1،500 އަށް ވުރެ ގިނަ މީހުން ޝެއާކޮށް، 20،000 އަށް ވުރެ ގިނަ ފަހަރު ބަލައިފި އެވެ. އެހެންކަމުން އެއީ ދިވެހިންގެ ހިތްތަކާ އަބަދުވެސް ކުޅެލާ "އިލާހީ މި ބިން، ކުރައްވާށި އަމާން،"، އާ ސިފައެއްގައި އައިސް އަހަރެމެންގެ ތެރޭގައި ގައުމީ ޖޯޝް އުފައްދައިދޭނެ ކަމުގެ ހެއްކެކެވެ.
މޮންދު އިއްޔެ ހޮސްޕިޓަލުން ދޫކޮށްލި އެވެ. އެކަމަކު ބަލި އެނދުގައި އޮންނަވައިގެން އޭނާ އެ ދެއްވީ ވަރަށް ބޮޑު ހިތްވަރެކެވެ. ގައުމީ ވިންދުތައް އިތުރުކޮށްދޭނެ ހަދިޔާއެކެވެ.