ވީޓީވީ އުފެއްދީއްސުރެ އެ ސްޓޭޝަންގެ ނިއުސް ރޫމް ހިންގެވުމާ ހަވާލުވެ ހުންނެވި އިމާދު ލަތީފް އެ މީޑިއާއިން އިއްޔެ އިސްތިއުފާ ދެއްވައިފި އެވެ.
ބޭރު ދުނިޔޭގެ ހަބަރުތަކާއި ބޭރު ކުޅިވަރުގެ ހަބަރުތައް ކަވަރުކުރި ކުރީގެ ތަޖުރިބާކާރު ނޫސްވެރިޔާ އިމާދު ވީޓީވީން ވަކިވި ވަކި ސަބަބެއް ވިދާޅެއް ނުވެ އެވެ. އެކަމަކު ވިދާޅުވީ ކުރިއަށް އޮތްތަނުގައި ފުލްޓައިމްކޮށް ނޫސްވެރިކަމުން ނުފެންނާނެ ކަމަށެވެ.
"ނޫސްވެރިކަން ދުލެއް ނުކޮށްލަން. އަޅުގަނޑުގެ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ލިބޭނެ. އެކަމަކު ފުލް ޓައިމްކޮށް ދެން ނޫސްވެރިކަމުން ފެނުން ވަރަށް ދުރު،" ކުރީގެ މަޝްހޫރު ފުޓްބޯޅަ ކޮމެންޓޭޓަރު އިމާދު ވިދާޅުވި އެވެ.
އިމާދު ނޫސްވެރިކަން ފެއްޓެވީ 1992 ވަނަ އަހަރު "ހަވީރު" ނޫހުންނެވެ. އެ ނޫހުގައި 17 އަހަރު މަސައްކަތް ކުރެއްވި އެވެ.
އެގާރަ އަހަރު މިއަދު ފާހަގަ ކުރާ ވީޓީވީގެ ސީއޯއޯ މުހައްމަދު އާސިފް ވިދާޅުވެފައި ވަނީ އެ ސްޓޭޝަން މަގުބޫލު މީޑިއާއަކަށް ހެދުމަށް އިމާދުގެ ބޮޑު އެއްބާރުލުމެއް ލިބިފައިވާ ކަމަށެވެ. އެކަމަށް ވީޓީވީގެ މެނޭޖްމަންޓުން ވަނީ ޝުކުރު އަދާކޮށްފަ އެވެ.
ވީޓީވީގެ ޕްރެޒެންޓަރު އަހުމަދު ހަމީދު އާދަމް ވެސް ވަރަށް ފަހުން ވަނީ އެ މީޑިއާއިން ވަކިވެފަ އެވެ. އޭނާ ގުޅުނީ އޮންލައިން ނޫސް "އަވަސް" އާ އެވެ.