ވޯގް މަޖައްލާއިން އިންތިޒާމުކޮށްގެން ބާއްވާ ފެޝަންގެ ދުނިޔޭގައި އެންމެ ބޮޑު އިވެންޓް، މެޓް ގާލާއިން ކާޑޭޝިއަން އާއިލާ ނުފެނިދާނެ ކަމަށް، ނިއު ޔޯކް ޕޯސްޓުގެ "ޕޭޖް ސިކްސް" އިން ރިޕޯޓުކޮށްފި އެވެ.

ސެލެބްރިޓީންގެ ހަބަރުތައް ކަވަރު ކުރުމުގައި މަގްބޫލު "ޕޭޖް ސިކްސް" ގައި ބުނެފައިވާ ގޮތުން، މެޓް ގާލާގެ ކޯ-ޗެއާ އަދި ވޯގް މަޖައްލާގެ އެމެރިކާ އެޑިޝަންގެ އެޑިޓަރު-އިން ޗީފް އަނާ ވިންޓޯ، މި އިވެންޓުގެ ހާޒިރީން ހޮވާފައިވަނީ ވަރަށް ބަލައިގެންނެވެ.

އެހެންވެ، ރިއަލިޓީ ޓީވީ ޝޯއިން ވިދާލި އެ އާއިލާ، އަންނަ މެއި މަހު ބާއްވާ މެޓް ގާލާ 2023 ގައި ބައިވެރިވާނެ ކަމުގެ އެއްވެސް ޔަގީންކަމެއް މިވަގުތު ނެތް ކަމަށް، ގިނަ ނޫސްތަކުން ބުނެ އެވެ.

ކިމް އާއި އޭނާގެ ކުރީގެ ފިރިމީހާ 2013 ވަނަ އަހަރުގެ މެޓް ގާލާގައި ބައިވެރިވަނީ، އެއީ ކާޑޭޝިއަން-ޖެނާ އާއިލާއިން އެ އިވެންޓުގައި ބައިވެރިވި ފުރަތަމަ ފަހަރު
ކިމް އާއި އޭނާގެ ކުރީގެ ފިރިމީހާ 2013 ވަނަ އަހަރުގެ މެޓް ގާލާގައި ބައިވެރިވަނީ، އެއީ ކާޑޭޝިއަން-ޖެނާ އާއިލާއިން އެ އިވެންޓުގައި ބައިވެރިވި ފުރަތަމަ ފަހަރު

އެންމެ ފުރަތަމަ ކާޑޭޝިއަން-ޖެނާ އާއިލާގެ މީހަކު މެޓް ގާލާގައި ބައިވެރިވީ 2013 ވަނަ އަހަރު އެވެ. އެއީ މަޝްހޫރު އިންފްލުއެންސާ އަދި ވިޔަފާރިވެރިޔާ ކިމް ކާޑޭޝިއަން އެވެ. އޭގެ ފަހުން، ފާއިތުވި 10 އަހަރު ދުވަހު ބޭއްވި ހުރިހާ މެޓް ގާލާއަކުން ވެސް އެ އާއިލާގެ މީހަކު ފެނެ އެވެ.

މިދިޔަ އަހަރުގެ މެޓް ގާލާއަކީ، އެ އާއިލާގެ މަޝްހޫރު ހުރިހާ އެންމެން ބައިވެރިވި ފުރަތަމަ ފަހަރެވެ. ކުލަ ގަދަ، ތަފާތު ހެދުންތަކާ އެކު، އަލަށް މެޓް ގާލާގައި ބައިވެރިވި ކްލޯއީ ކާޑޭޝިއަން އަދި ކޯޓްނީ ކާޑޭޝިއަންގެ އިތުރުން، ކިމް އާއި ކެންޑަލް ޖެނާ އަދި ކައިލީ ޖެނާއާއެކު އެ އެންމެންގެ މަންމަ، ކްރިސް ޖެނާ ވެސް މެޓް ގާލާ 2022 ގައި ބައިވެރިވި އެވެ.