އިނގިރޭސިވިލާތުގެ ވޯގް މެގަޒިންގެ އަންނަ މަހުގެ އަދަދުގެ ކަވަ ފޮޓޯއަކަށް އިނގިރޭސި ރާނީ އެލިޒަބެތުގެ ފޮޓޯއެއް ބޭނުންކުރަން ނިންމައިފި އެވެ. އެއީ ރާނީ ތަހުތުގައި އިންނަވާތާ 70 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުންނެވެ. މިއީ މެގަޒިނެއްގެ ކަވަގައި، ރާނީގެ ފޮޓޯޝޫޓެއްގައި އެކަނި ނަންގަވާފައިވާ ފޮޓޯއެއް ޖަހާ ފުރަތަމަ ފަހަރެވެ.

ވޯގްގެ ކަވަގައި ބޭނުންކުރަނީ ރާނީ ރަނިކަމާ ހަވާލުވިތާ ގާތުގައި ކުރީގެ މަޝްހޫރު ފޮޓޯގްރާފަރު އެންތޮނީ އާމްސްޓޮރޯންގް ޖޯންސް ނަގާފައިވާ އެކަމަނާގެ ކުލަ ނޫން ފޮޓޯއެކެވެ.

އާމްސްޓްރޯންގް ޖޯންސް އަކީ ރާނީގެ ކޮއްކޯފުޅު ޕްރިންސެސް މާގްރެޓްގެ ފިރިކަލުންނެވެ. އޭނާ އަވާހަރަވީ 2017 ގަ އެވެ. ޕްރިންސެސް މާގްރެޓް އަވަހާރަވީ 2002 ގަ އެވެ. އެ ދެބޭފުޅުން ކައިވެނި ބައްލަވައިގެން އުޅުއްވީ 1960 އިން 1978 އަށެވެ.

"ރާނީ އެލިޒަބެތުގެ ފޮޓޯ ވޯގް ކަވަގައި ފީޗާކުރަން ނިންމީ އެކަމަނާ ތަހުތުގައި އިންނަވާތާ 70 އަހަރުވެފައިވާ ވާތީ ދޭ ޓްރިބިއުޓެއްގެ ގޮތުގައި،" ވޯގް މެގަޒިން އިން ނެރުނު ބަޔާނެއްގައި ބުންޏެވެ.

ވޯގް މެގަޒިންގެ އެ އަދަދު ނެރެން ނިންމާފައި ވަނީ އަންނަ އަންގަރާ ދުވަހު އެވެ. އެ އަދަދުގެ ދެ ކަވައެއް ނެރެން ނިންމާފައިވާއިރު، ދެވަނަ ކަވަގައި ހިމަނާފައި ވަނީ އިނގިރޭސި އެކްޓަރު އަންޔާ ޓެއިލާ ޖޯއި އެވެ. އެ ފޮޓޯގައި އޭނާ ހުންނަނީ ރާނީގެ ތާޖާ ވައްތަރުގެ ތާޖެއް އަޅައިގެންނެވެ.

ރާނީ އެލިޒަބަތު އަކީ އިނގިރޭސި ތަހުތުގައި އެންމެ ގިނަ ދުވަހު އިންނެވި ކަމަނާ އެވެ. އަންނަ މަހު އެކަމަނާ އަށް އުމުރުފުޅުން 96 އަހަރުވާނެއިރު، މިދިޔަ މަހު ވަނީ ރަނިކަމަށް 70 އަހަރު ފުރުން ފާހަގަކޮށްފަ އެވެ. އިނގިރޭސި ސަރުކާރުން ވަނީ އަންނަ ޖޫން މަހު 2-5 އަށް ރަސްމީކޮށް އެ މުނާސަބަތު ފާހަގަކުރަން ވެސް ނިންމައިފަ އެވެ.