ލޯފަން ދިވެއްސެއްގެ އަޑުން މުޅި ގުރުއާން ރެކޯޑްކުރުމުގެ މަސައްކަތް ބްލައިންޑް އެންޑް ވިޝުއަލީ އިމްޕެއާޑް ސޮސައިޓީ އޮފް މޯލްޑިވްސް (ބީވީއައިއެސްއެމް) ގެ މެމްބަރަކު މިއަދު ފަށައިފި އެވެ.

އެ ޖަމިއްޔާގެ ރައީސް އަލީ ޝަމީމް ވިދާޅުވީ ގުރުއާން ރެކޯޑުކުރަނީ ޕީއެސްއެމުން ބޭއްވި ގުރުއާން މުބާރާތް ކަމަށްވާ "ރާއްޖޭގެ އެންމެ އަލިގަދަ ތަރި" ކާމިޔާބުކޮށްފައިވާ، އެ ޖަމިއްޔާގެ މެމްބަރު އަދި ރާއްޖެއަށް މަޝްހޫރު ހާފިޒު އަބްދުއް ރަޝީދު މުހައްމަދުގެ އަޑުން ކަމަށެވެ.

އޭނާ ވިދާޅުވީ ށ. ފޭދޫ މިސްކިތުގެ އިމާމު، އަބްދުއްރަޝީދުގެ އަޑުން ރެކޯޑްކުރާ ގުރްއާން އަންނަ އަހަރުގެ ރޯދަ މަހުގެ ކުރިން ނެރެން މަސައްކަތްކުރަމުން އަންނަ ކަމަށާއި މި ރެކޯޑިން ހިލޭ ލިބޭނެ ގޮތް ހަދާނެ ކަމަށެވެ.

އަބްދުއްރަޝީދަކީ ހަމައެކަނި ގުރުއާން ހިތުދަސް ގާރީއެއް ނޫނެވެ. ގުރުއާންގެ ކޮންމެ އާޔަތެއްގެ ނަންބަރާއި ސޫރަތް ވެސް އޭނާ ބުނެދެ އެވެ. "ރާއްޖޭގެ އެންމެ އަލި ގަދަ ތަރި"އަށް ވުމުގެ ކުރިން ރާއްޖެއަށް އެންމެ ފުރަތަމަ އޭނާ މަޝްހޫރުވީ 2000ގެ އަހަރުތަކުގެ ކުރީކޮޅު "ހަވީރު"ން ނެރުނު "ހުވާސް" މަޖައްލާގައި އޭނާއާ ބެހޭ ގޮތުން ލިއުނު ލިއުމާ އެކު އެވެ.

އަބްދުއްރަޝީދު، ނުވަތަ މަޝްހޫރު ނަމުން ނަމަ އަބްސީގެ އަޑުން ގުރުއާން ރެކޯޑްކުރަނީ، ޝަމީމް ވިދާޅުވި ގޮތުގައި، މިހާތަނަށް ދިވެއްސެއްގެ އަޑުން މުޅި ގުރްއާން ރިކޯޑުކޮށްފައި ނެތުމުންނެވެ.

އޭނާ ވިދާޅުވީ އަޑުއަހައިގެން ގުރުއާން ދަސްކުރާ، އެހެން ލޯފަން ކުދިންނާއި މީހުންނަށް ވެސް ފަސޭހައިން ދަސްކުރެވޭނެ ގޮތަށް ގުރުއާން ރެކޯޑުކުރަން އިސްކަން ދޭނެ ކަމަށެވެ.

އަބްސީގެ އަޑުން ގުރުއާން ރެކޯޑުކުރުމުގެ މަސައްކަތް ބީވީއައިއެސްއެމްއާ އެކު ކުރަނީ ސޮބާހު ސްޓޫޑިއޯ އިންނެވެ. މި މަސައްކަތްކުރަން އެ ޖަމިއްޔާ އާއި ސޮބާހު ސްޓޫޑިއޯއާ ދެމެދު އެއްބަސްވުމެއް ވަނީ ހަދައިފަ އެވެ.

"ގުރުއާން ރެކޯޑްކުރުމުގެ މަސައްކަތް އެއް މަސް ދުވަހުގެ ތެރޭގައި ފުރިހަމަ ކުރެވޭނެ ކަމަށް އަޅުގަނޑުމެން މި ބަލަނީ،" ޝަމީމް ވިދާޅުވި އެވެ.

މި މަސައްކަތަށް އިސްލާމިކް މިނިސްޓްރީގެ އެއްބާރުލުން ވެސް ލިބޭކަން ފާހަގަކުރައްވައި އެ މިނިސްޓްރީއަށް އޭނާ ޝުކުރުއަދާކުރެއްވި އެވެ.