މާލެ މަގުމައްޗަށް ގެއްލުނު ދަބަހެއްގެ ތެރޭގައި އޮތް ވިސާ ޑެބިޓް ކާޑެއް ބޭނުންކޮށްގެން ވަގަށް ވިޔަފާރިކުރި ކަމަށް ތުހުމަތު ކުރެވޭ މީހަކު ހޯދަން ފުލުހުން މިއަދު އިއުލާންކޮށްފި އެވެ.
އެ މައްސަލައިގެ ތުހުމަތުކުރެވޭ މީހާ މަގުމަތީގައި ހިނގާފައި ދާ މަންޒަރު ފެންނަ ވީޑިއޯއެއް ފުލުހުން އާންމުކުރި އެވެ. އެ ވީޑިއޯގައި ފެންނަ ފިރިހެން މީހާ ހުންނަނީ މާސްކެއް އަޅައިގެންނެވެ.
ފުލުހުން ބުނީ މާފަންނު ޕޮލިސް ސްޓޭޝަނުން ތަހުގީގުކުރާ އެ މައްސަލއިގައި ތުހުމަތުވާ އެ މީހާ އަކީ ކާކުކަން އަދި މިހާތަނަށް ދެނެގަނެވިފައި ނުވާ ކަމަށެވެ.
ވީޑިއޯ އިން ފެންނަ އެ މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭ ނަމަ، މާފަންނު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9660183 އަށް ގުޅުމަށް ފުލުހުން އެދެ އެވެ.
ވިސާ ޑެބިޑް ކާޑަކުން ވަގަށް ވިޔަފާރިކުރި އިރު، މި ދުވަސްވަރު ސްކޭމް ކޯލްތަކާއި އެސްއެމްސް މެދުވެރިކޮށް ވެސް ވަރަށް ގިނަ މީހުންގެ އަތުން ފައިސާ ފޭރޭ މައްސަލަތައް އިތުރުވެފައިވެ އެވެ.