ވިލާޓްރެވަލްސް އާއި އެ ކުންފުނީގެ ދަށުން ރާއްޖޭގައި ހިންގަމުން އަންނަ ބައިނަލްއަގުވާމީ މަނީ ޓްރާންސްފާ، ވެސްޓަން ޔޫނިއަން އެހެން އިމާރާތަކަށް ބަދަލުކޮށްފި އެވެ.

އެ ދެ ތަނުން މިހާރު ހިދުމަތް ދެމުން އަންނަނީ މަޖީދީމަގު، ހީނާމާގޭ ކައިރީގައި ކުރިން ބީއެމްއެލް އޮފީސް ހިންގި އިމާރާތުގަ އެވެ. މި އިމާރާތުން މަނީ ޓްރާންސްފާއާ ޓިކެޓިންގެ ހިދުމަތް ދޭން ފަށާފައިވަނީ މިދިޔަ އާދިއްތަ ދުވަހުން ފެށިގެންނެވެ.

ވިލާ ޓްރެވަލްސްގެ މެނޭޖަރު ފަރުހާދު އަބްދުލް ލަތީފު ވިދާޅުވީ އާ އިމާރާތަކަށް ބަދަލުވި ނަމަވެސް ހިދުމަތްތަކަށް ބޮޑު ބަދަލެއް ނާންނަ ކަމަށެވެ. ނަމަވެސް މިހާރު "ކިއުބީ" އެޕްލިކޭޝަން މެދުވެރިކޮށް ކަސްޓަމަރުންނަށް ނަންބަރު ނެގޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ވިލާ ޓްރެވަލްސްއަކީ ގިނަ އަދަދެއްގެ އެއާލައިންތަކުގެ ޓިކެޓު ވިއްކަމުން އަންނަ ކުންފުންޏެކެވެ. ނަމަވެސް ކޮވިޑް19އާ ގުޅިގެން ގިނަ އެއާލައިންތަކުގެ ދަތުރުތައް ހުއްޓާލައިފައިވާއިރު މިވަގުތު އެ ކުންފުނިން ދެމުން އަންނަނީ ހަމައެކަނި ގަތަރު އެއާވޭސް އާއި، އެއާ އިންޑިއާ އާއި، އިންޑިގޯ އަދި ސްރީލަންކަންގެ ހިދުމަތެވެ.

އެއާ އިންޑިއާގެ ދަތުރުތައް ފަށާނީ އަންނަ އަންގާރަ ދުވަހުން ފެށިގެންނެވެ. ހަފްތާއަކު އެއް ފްލައިޓު އެ އެއާލައިނުން ރާއްޖެ އާއި ޓްރިވެންޑްރަމާ ދޭތެރޭ ބާއްވާނެ އެވެ.