ކ. ތިލަފުށީގެ ބޮޑު ދެ ބިމެއް 228 މިލިއަން ރުފިޔާއަށް ވިލާ ޝިޕިން ކުންފުނިން ގަނެފި އެވެ.

ވިލާ ޝިޕިން ކުންފުނިން ގަނެފައިވަނީ 393،212 އަކަފޫޓުގެ ބިމަކާއި 156،693 އަކަފޫޓުގެ ބިމެކެވެ.

ތިލަފުށި ހިންގާ އާބަންކޯ އަތުން އެ ދެ ބިން ވިލާ ޝިޕިން ކުންފުނި ގަނެ، އެ ކުންފުންޏަށް 228 މިލިއަނަށް ވުރެ ރުފިޔާ ދައްކާފައިވާތީ ސިވިލް ކޯޓުން މިއަދު ވަނީ ދެ ބިން ވިލާ ޝިޕިން ކުންފުންޏަށް މިލްކުވެފައިވާ ކަމަށް ހުކުމްކޮށްފަ އެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމްގެ ވިލާ ކުންފުނިން މިހާރު ވެސް ތިލަފުށީގައި ބައެއް ބިންތައް ނަގައިގެން ވިޔަފާރިކުރެ އެވެ.

ސިނާއީ ރަށެއް ކަމަށްވާ ތިލަފުށިން ބީލަމުގެ އުސޫލުން ސިނާއީ ބިން ވިއްކަން އެޗްޑީސީން މި އަހަރު ކުރީކޮޅު އިއުލާނުކުރި އެވެ. ސަރުކާރުން ވަނީ އިންޑަސްޓްރިއަލް ހަބެއްގެ ގޮތުގައި ތިލަފުށި ތަރައްގީކުރަން ނިންމައި މާސްޓަޕްލޭނެއް އެކުލަވާލައިފަ އެވެ. އަދި ތިލަފުށި ބޮޑުކުރުމުގެ ގޮތުން ބިން ހިއްކުމަށް ވެސް ވަނީ މިދިޔަ އަހަރު ފަހުކޮޅު ބަޔަކާ ހަވާލުކޮށްފަ އެވެ.