މޯލްޑިވްސް ނެޝަނަލް ޔުނިނވާސިޓީގައި ހޮސްޕިޓަލިޓީ ކިޔަވާ ދަރިވަރުންނަށް ބޭނުންވާ އަމަލީ ތަމްރީނު ދިނުމަށް ވިލާ ގުރޫޕުގެ ހޮޓެލްސް އެންޑް ރިސޯޓްސްއިން އިންޓާންޝިޕުގެ ފުރުސަތު ދިނުމުގެ އެމްއޯޔޫއެއްގައި ސޮއިކޮށްފި އެވެ.
އެ އެމްއޯޔޫގައި ސޮއި ކުރީ މިއަދު ޕެރަޑައިސް އައިލެންޑް ރިސޯޓުގައިި އޮތް ހަފްލާއެއްގަ އެވެ. އެ ހަފްލާގައި އެމްއޯޔޫގައި ސޮއި ކުރެއްވީ އެމްއެންޔޫގެ ޑެޕިއުޓީ ވައިސް ޗާންސެލާ ޑރ. އައިޝަތު ޝެހެނާޒް އާދަމް އެވެ. އަދި ވިލާ ގްރޫޕުގެ ފަރާތުން ސޮއި ކުރެއްވީ ސީއޯއޯ އޮފް ވިލާ ހޮޓެލްސް އެންޑް ރިޒޯޓްސް މުއާވިޔަތު އުމަރެވެ.
އެމްއެންޔޫ އިން ބުނީ ހޮސްޕިޓަލިޓީ ދާއިރާގެ މަސައްކަތްތަކަކީ އަމަލީ ތަޖުރިބާ ވަރަށް ބޮޑަށް ބޭނުންވާ ކަމެއް ކަމަށާއި، އެ އަމަލީ ތަޖުރިބާ ލިބޭނީ މަސައްކަތުގެ މާހައުލުން ކަމަށެވެ. އެ ގޮތުން ހޮސްޕިޓަލިޓީ ދާއިރާގައި ދަސްކުރަން ޖެހޭ ގިނަ ކަންތައްތަކެއް ދަސްކުރުމުގެ ފުރުސަތު އެ އިންޓާންޝިޕުން ލިބޭނެ ކަމަށް ބުންޏެވެ. އަދި އެ އިންޓާންޝިޕުން ދަރިވަރުންނަށް އެކްސްޕާޓުންގެ ފަރާތުން ޓްރެއިނިން ލިބޭނެ ކަން ވެސް ފާހަގަ ކުރެއްވި އެވެ.
ވިލާ ގްރޫޕުގެ ގްރޫޕު ޑައިރެކްޓާ އޮފް ޓެލެންޓު އެންޑް ކަލްޗާ މުހައްމަދު އާލިމް ވިދާޅުވީ، އެ އިންޓާންޝިޕުގެ ދަށުން އަންނަ ބައިވެރިންނަށް ފުރުސަތު އޮތްވަރަކުން އެ ދަރިވަރަކު ޝައުގުވެރިވާ ދާއިރާއަކުން ތަމްރީނު ހޯދުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ. އަދި އެ ޕްރޮގުރާމަކީ ވަކި އެއް ކަމަކަށް ލިމިޓުވެފައި އޮންނާނެ ޕްރޮގުރާމެއް ނޫން ކަމަށާއި، ހައުސްކީޕިން އިން ފެށިގެން ގޮސް އެފްއެންބީ ދާއިރާގެ ކަންތައްތަކުގައި ވެސް ތަމްރީނު ހޯދުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
އެ އިންޓާންޝިޕުގެ އަމާޒަކީ ހޮސްޕިޓަލިޓީ ދާއިރާއިން ދަރިވަރުން ޝައުގުވެރިވާ ދާއިރާއިން ވަޒީފާގެ ފުުރުސަތު ލިބޭ މިންވަރަށް ތަމްރީނު ކުރުން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ އިންޓާންޝިޕުގެ ސަބަބުން ހޮސްޕިޓާލިޓީ ދާއިރާ އަށް ހުނަރުވެރި ބަޔަކު ތަރައްގީ ކުރެވިގެން ދާނެ ކަމަށް ވެސް ވިދާޅުވި އެވެ.
އެ އިންޓާންޝިޕް ޕްރޮގުރާމަކީ ވަރަށް ސްޓްރަކްޗާޑުކޮށް ރާވާފައިވާ ޕްރޮގުރާމެއް ކަމަށާއި، އެ ޕްރޮގުރާމުގެ ބައިވެރިންނަށް ވިލާ ގުރޫޕުން ވަޒީފާގެ ފުރުސަތު ފަހިގެން ދާނެ ކަން ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.