ސަރުކާރުގެ ހެލްތު އިންޝުއަރެންސް ކުންފުނި އާސަންދަގެ ޓްރެވެލް ޕާޓްނަރަކަށް ވިލާ އެއާ ހަމަޖައްސައިފި އެވެ.
މިދިޔަ އާދިއްތަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި ވިލާ އެއާ އަދި އާސަންދަ ކުންފުނިން ވަނީ މިކަމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.
ވިލާ އެއާގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ނާޝިދެވެ. އާސަންދަ ކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު މަރިޔަމް ޝަފީގެވެ.
މި އެއްބަސްވުމުގެ ދަށުން އެތެރޭގެ ދަތުރުތަކުގައި އާސަންދަ ކުންފުނީގެ ކްލައިންޓުން ދަތުރުކުރުމަށް ވިލާ އެއާއިން އެހީތެރިވެދޭނެ އެވެ.
ވިލާ އެއާއިން ބުނީ މި ޕާޓްނާޝިޕަށް މަރުހަބާ ކިޔާ ކަމަށާއި، ކުރިމަގުގައި ވިލާ އެއާއިން ދަތުރުކުރާ އާސަންދަ ކުންފުނީގެ ކްލައިންޓުންނަށް ފުރިހަމަ ހިދުމަތެއް އެކުންފުނީގެ ފަރާތުން ލިބޭނެ ކަމަށެވެ.
ވިލާ އެއާގެ އެތެރޭގެ ދަތުރުތަކުގެ ރޫޓުތަކަށް ޗާޓަރު އަދި ޝެޑިއުލް ދަތުރުތަކުގެ ހިދުމަތް ވެސް ލިބޭނެ ކަމަށް އެ އެއާލައިނުން ބުންޏެވެ. އަދި ވިލާ އެއާގެ ކްލައިންޓުންނަށް މިހާރު ދަތުރުކުރާ ރޫޓުތަކުގެ އިތުރުން ވެސް ޗާޓަރު ދަތުރުތައް ދޭން ވަނީ ހަމަޖެހިފަ އެވެ.