މާލޭގައި ހުންނަ ވިލިމާލެ ފެރީ ޓާމިނަލްގެ އާ އިމާރާތް އެޅުމަށް އެ ސަރަހައްދުގައި ހުރި ވެހިކަލްތައް ހުސްކުރަން އެމްޓީސީސީން އަންގައިފި އެވެ.
ވިލިމާލެ ފެރީގެ މާލެ ޓާމިނަލް އަޅަން ހަމަޖައްސާފައި ވަނީ މިހާރުގެ ޓާމިނަލްއާ ޖެހިގެން އޮތް ހުސްބިމުގަ އެވެ. އެ އިމާރާތް އެޅުމަށްޓަކައި، ޓާމިނަލްގެ އިރުން އޮތް ހުސްބިމުގެ ދެކުނުން އޮތް ސަރަހައްދުގައި ވަގުތީ ޓާމިނަލެއް އަޅަން ވަނީ ހަމަޖައްސައިފަ އެވެ.
ވަގުތީ ޓާމިނަލް އަޅަން ނިންމާފައިވާ ބިން މިހާރު ބޭނުންކުރަނީ ޕާކިން ސަރަހައްދެއްގެ ގޮތުގަ އެވެ. އެ ސަރަހައްދުގައި ހުރި ވެހިކަލްތައް އަންނަ މަހުގެ ހަތްވަނަ ދުވަހުގެ ގެ ކުރިން ނެގުމަށް އެމްޓީސީސީން ވަނީ އާއްމުކޮށް އިއުލާންކޮށްފަ އެވެ.
އެމްޓީސީސީން ބުނީ އޭގެ ފަހުން އެތަނުގައި ހުރި އުޅަނދުތައް ނަގައި އެ ކުންފުނިން ބިން ހުސްކުރާނެ ކަމަށެވެ.
ފެރީ ޓާމިނަލް ތަރައްގީކުރަން ނިންމާފައި ވަނީ 12 ބުރީގެ އިމާރާތަކާ އެކުގަ އެވެ. އެ އިމާރާތުގައި ފުޑްކޯޓުތަކާ އެކު އެހެން ހިދުމަތްތައް ކުރިއަށް ގެންދަން ވެސް ޕްލޭންކޮށްފައިވެ އެވެ.