ޓޮމް ހޮލެންޑް ލީޑް ރޯލުން ފެންނަ ދާ އެކްޝަން ފިލްމު "އަންޗާޓެޑް"ގައި ޗައިނާ ދެކުނު ކަނޑާ ގުޅޭ މައްސަލަތަކެއް ހިމެނޭތީ އެ ފިލްމު ވިއެޓްނާމްގައި އެޅުވުން މަނާކޮށްފި އެވެ.

މަޝްހޫރު އަންޗާޓެޑް ގޭމް ފްރެންޗައިޒް އަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ފިލްމު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަޅުވާފައިވާއިރު އެ ފިލްމަށް ރަނގަޅު ތަރުހީބެއް ވެސް ލިބެމުން އެބަ އާދެ އެވެ. ނަމަވެސް އެ ފިލްމު ވިއެޓްނާމުގައި އެޅުވުން އެ ގައުމު ސަރުކާރުން ވަނީ މަނާކޮށްފަ އެވެ.

އެ ފިލްމު މަނާކުރީ ފިލްމުގައި ޗައިނާ ކަނޑުގެ މަޝްހޫރު "ނައިން ޑޭޝް ލައިން" ބޭނުންކޮށްފައި ވާތީ އެވެ. އެ ލައިން އަކީ ޗައިނާ ކަނޑުގެ ސަރަހައްދުން ބޭރުން 1947 ވަނަ އަހަރުގައި ދަމާފައިވާ ރޮނގުތަކަކަށް ދީފައިވާ ނަމެކެވެ. އެ ރޮނގުތަކަކީ ޗައިނާގެ ބައެއްގެ ގޮތުގައި ކަނޑައަޅައި ކުރުހާފައިވާ ރޮނގުތަކެކެވެ.

ނަމަވެސް މައްސަލައަކީ އެ ރޮނގުތަކުގެ ތެރޭގައި ހިމެނޭ ބައެއް ސަރަހައްދުތަކަކީ ވިއެޓްނާމް އާއި ޓައިވާން އާއި މެލޭޝިއާ އަދި އިންޑޮނޭޝިއާގެ ކަނޑުގެ ސަރަހައްދުތަކުގެ މަތީން ދުއްވާފައިވާ ރޮނގުތަކަކަށް ވުމެވެ.

އެ ގައުމުގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ބައިތަކެއް ޗައިނާ އިން އަމިއްލަ ނަމަކަށް ބަދަލުކޮށް ދައްކާފައިވާ ލައިންތައް އެ ފިލްމުގައި ހުރުމުން ވިއެޓްނާމުގައި އެ ފިލްމު އެޅުވުން މަނާކުރީ އެވެ.

ވިއެޓްނާމުގައި ފިލްމު އެޅުވުމުގެ ކުރީން އެ ފިލްމަށް ވަނީ 278 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފަ އެވެ.