ލ. އަތޮޅު ދެ ރަށެއްގައި ރިސޯޓް ތަރައްގީ ކުރަން ޝައުގުވެރިވާ ފަރާތްތަކަށް އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހެޅުމުގެ ފުރުސަތު ޓޫރިޒަމް މިނިސްޓްރީން ހުޅުވާލައިފި އެވެ.
އަލަށް ދެ ރިސޯޓް ތަރައްގީ ކުރަން ހުޅުވާލީ ލ. ގުރައިދު އާއި ކަށިދޫގަ އެވެ. ޓޫރިޒަމް މިނިސްޓްރީން ނެރެފައިވާ އިއުލާނެއްގައި ބުނެފައި ވަނީ އެ ދެ ރަށުގައި ރިސޯޓް ތަރައްގީ ކުރަން ބޭނުންވާ ފަރާތްތަކުން އަންނަ މަހުގެ ދެ ވަނަ ދުވަހު (އީއޯއައި) ހުށަހަޅަން ޖެހޭނެ ކަމަށެވެ. ގުރައިދު އާއި ކަށިދޫގައި ރިސޯޯޓް ތަރައްގީ ކުރަން ރާއްޖެ އާއި ރާއްޖޭން ބޭރުގެ ފަރާތްތަކަށް ކުރިމަތި ލެވޭނެ ކަމަޑް މިނިސްްޓްރީން ބުންޏެވެ. މިނިސްޓްރީން އަދި ބުނީ އެ ފުރުސަތު ހުޅުވާލަނީ 2018 ވަނަ އަހަރުގެ ޖޫން މަހުގެ ކުރިން ރިސޯޓް ތަރައްގީކޮށް ނިންމަން ޝަރުތުކޮށް ކަމަށެވެ. ލ. އަތޮޅުގައި މި ވަގުތު ހިންގަނީ އެންމެ ރިސޯޓެކެވެ. އެއީ ސިކްސް ސެންސަސް ލާމު އެވެ.
ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ މެންބަރު އަދި މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކުގެ ހިއްސާ އޮންނަ ފަޅުރަށެއް ކަމަށްވާ ލ. ފަރެސްގައި ރިސޯޓެއް ތަރައްގީ ކުރުމުގެ މަސައްކަތް ވެސް މިހާރު ކުރަމުން އަންނަކަން ފާހަގަކޮށްލެވެ އެވެ.