ރާއްޖޭގެ ހާއްސަ އިގުތިސާދީ ސަރަހައްދުގެ ތެރޭގައި ލޭނު އަޅައިގެން ބޮޑު ކަންނެލީގެ މަސްވެރިކަން ކުރަން ޝައުގުވެރިވާ ފަރާތްތަކަށް ލައިސަންސްގެ ދަށުން ދޫކުރާ ކޯޓާ ގަތުމުގެ ފުރުސަތު ފިޝަރީޒް މިނިސްޓްރީން ހުޅުވާލައިފި އެވެ.
އެ މިނިސްޓްްރީން ނެރެފައިވާ އިއުލާނެއްގައި ވަނީ ލޭނު އަޅައިގެން ބޮޑު ކަންނެލީގެ މަސްވެރިކަން ކުރަން ބޭނުންވާ ދިވެހިންނަށް އަދި ދިވެހިން ކުންފުނިތަކަށް މަސްވެރިކަން ކުރުމުގެ ލައިސަންސް ކޯޓާ ވިއްކަން ނިންމާފައިވާ ކަމަށެވެ.
ކޯޓާ ވިއްކުމަށް ހަމަޖެހިފައި ވަނީ ލޭނު އަޅައިގެން ބޮޑު ކަންނެލީގެ މަސްވެރިކަން ކުރުމުގެ ގަވާއިދާއި، ބޭރު ކަނޑުގައި ލޭނު އަޅައިގެން ބޮޑު ކަންނެލީގެ މަސްވެރިކަން ކުރުމަށް ކޯޓާ ދޫކުރުމުގެ އުސޫލުގެ ދަށުން ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
އެހެންވެ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ކޯޓާ އަށް އެދި ހުށަހެޅުުމުގެ ފުރުސަތު މި މަހުގެ 25 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ. ވިއްކަން ހަމަޖެހިފައި ވަނީ ޖުމްލަ 13،500 މެޓްރިކް ޓަނުގެ ކޯޓާ އެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ މި މަހުގެ 25 ވަނަ ދުވަހާ ހަމައަށް ކޯޓާ ވިއްކާ އިރު، އެ މުއްދަތާ ހަމައަށް ވިއްކަން ނިންމައިފައިވާ އަދަދަށް ކޯޓާ ގަންނަން ހުށަހަޅާފައި ނުވާ ނަމަ މެއި 31، 2017 ގެ ނިޔަލަށް ކޯޓާ ވިއްކާނެ ކަމަށެވެ. އެ އަދަދަށް ވުރެ ގިނައިން ކޯޓާ އަށް އެދި ހުށަހަޅާފައިވާ ނަމަ، ކޯޓާ ދޫކުރާނީ ނީލަމުގެ އުސޫލުން އެންމެ މަތީ އަގު ހުށަހަޅާ ފަރާތަކަށް ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.