ވޮޝިންޓަން (އޮގަސްޓް 12) - އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ޑިމޮކްރެޓިކް ޕާޓީން ވާދަކުރާ ކެންޑިޑޭޓް ޖޯ ބައިޑަންގެ ރަނިން މޭޓަކަށް އޭޝިއާ-އެފްރިކާ ދަރިކޮޅަށް ނިސްބަތްވާ އަންހެން ސެނެޓަރެއް ކަމަށްވާ ކަމަލާ ހަރިސް ހަމަޖައްސައިފި އެވެ.

ބައިޑަންއާ ރިޔާސީ ޕްރައިމަރީގައި ވެސް ވާދަކުރެއްވި އިންޑިއާ-ޖަމައިކާގެ އާއިލާއަކަށް ނިސްބަތްވާ ހަރިސްއަކީ ބައިޑަންގެ ނައިބަކަށް ހަމަޖައްސަވައިފާނެ ކަމަށް ކުރިން ވެސް ބެލެވުނު ފަރާތެކެވެ.

ނޮވެމްބަރު 3 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިޚާބުގައި ބައިޑަންއާ ރިޕަބްލިކަން ޕާޓީން ވާދަކުރައްވާނީ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕެވެ. ޓްރަމްޕުގެ ރަނިން މޭޓް އަދި މިހާރުގެ ނައިބް ރައީސް މައިކް ޕެންސްއާ އެކު އޮކްޓޯބަރު 7 ގައި ރިޔާސީ ބަހުސަކަށް ހަރިސް ނުކުމެވަޑައިގަންނަވާނެ އެވެ.

އެމެރިކާގައި ރަނިން މޭޓް ކަމަށް މިހާތަނަށް ހަމަޖައްސާފައި ވަނީ ދެ އަންހެނުންނެވެ. އެއީ 2008 ވަނަ އަހަރު ރިޕަބްލިކަން ޕާޓީން ސާރާ ޕާލިން އަދި 1984 ވަނަ އަހަރު ޑިމޮކްރެޓިކް ޕާޓީން ޖެރަލްޑީން ފެރާރޯ އެވެ. އެއިން ވެސް ބޭފުޅަކަށް ނައިބް ރައީސްގެ މަގާމަށް ވަޑައިގެންނެވިފައެއް ނުވެ އެވެ.

ޓްވިޓާގައި ބައިޑަން ވިދާޅުވީ އެމަނިކުފާނުގެ ނައިބް ރައީސަކަށް ހަރިސް ހަމަޖެއްސެވުމަކީ ލިބިވަޑައިގެންނެވި ޝަރަފެއް ކަމަށެވެ. ހަރިސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މުޅި އެމެރިކާ އެކަތިގަނޑަކަށް ހެދުމުގެ ގާބިލްކަން ބައިޑަން އަށް ލިބިވަޑައިގެންފައިވާ ކަމަށެވެ. އަދި ބައިޑަންގެ މުޅި ހަޔާތް ވޭތުކުރައްވާފައި ވަނީ އެމެރިކާ އަށް ޓަކައި ކަމަށް ވެސް އެކަމަނާ ވިދާޅުވި އެވެ.

ނައިބް ރައީސްގެ މަގާމަށް އަންހެނަކު ހަމަޖައްސަވާނެކަން ބައިޑަން އިއުލާން ކުރެއްވީ މާޗް މަހު އެވެ.

ކަމަލާ ހަރިސް އަކީ ކާކު؟

ހަރިސް، 55، ރިޔާސީ ރޭހުން ވަކިވެވަޑައިގެންނެވީ ޑިސެމްބަރު މަހު އެވެ. ހަރިސްގެ މަންމަ އަކީ އިންޑިއާ މީހެކެވެ. ބައްޕަ ނިސްބަތްވަނީ ޖަމައިކާއަށެވެ. ހާވަޑް ޔުނިވާސިޓީން ގާނޫނީ ދާއިރާ އިން ކިޔަވާ ވިދާޅުވި ހަރިސް ވަނީ ކެލިފޯނިއާގެ އެޓާނީ ޖެނެރަލްކަން ކުރައްވައިފަ އެވެ.

މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން ހަރިސް އިއުލާން ކުރެއްވީ މިދިޔަ އަހަރުގެ ކުރީކޮޅު އެވެ. ނަމަވެސް ރޭހުގައި ކުރިއަށް ވަޑައިގެންނެވޭ ގޮތް ނުވުމުން ވަނީ ބައިޑަން އެންޑޯޒް ކުރައްވައިފަ އެވެ.

ބައިޑަންގެ ނައިބް ރައީސަކަށް ހަރިސް ހަމަޖެއްސެވުމުން ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައި ވަނީ ޕްރައިމަރީގައި ދެ ޕަސެންޓް ލިބުނު މީހަކަށް އެ މަގާމު ދިނުމުން ހައިރާންވެވަޑައިގަތް ކަމަށެވެ.