"ވެށިފަހިމާލެ" ޕްރޮގްރާމުގެ ދަށުން ހުޅުމާލޭގައި އިމާރާތް ކޮށްފައިވާ ފްލެޓްތަކުގެ ސްޓްރަކްޗާއަށް ގެންނަ ބަދަލުތަކުގެ ސަބަބުން އެހެން ފްލެޓްތަކަށް ވެސް ގެއްލުންވާތީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އެޗްޑީސީ އިން މިއަދު ދީފި އެވެ.
އެ ކުންފުނިން ކުރި އިއުލާނެއްގައި ބުނީ، ހުއްދަ ނެތި ފްލެޓްތަކަށް ބަދަލު ގެންނަކަމުގެ މައުލޫމާތު ލިބޭ ކަމަށެވެ.
އޭގެ ތެރޭގައި ބެލްކަންޏަށް ބަދަލުގެނެސް ބެލްކަނީ ބޮޑުކުރުމާއި އިމާރާތުގެ ކުރިމަތިން ފްލެޓަށް ވަދެވޭ ގޮތަށް އަމިއްލައަށް ދޮރު ކެނޑުމާއި ފްލެޓްގެ އެތެރޭ ފާރަށް ބަދަލު ގެނެސް، އެއް ކޮޓަރިއާއި އަނެއް ކޮޓަރި ގުޅާލުމާ އެކު ސިޓީންރޫމުް ކޮމަން ފާހާނައަށް ވަދެވޭ ގޮތަށް ދޮރު ހަރުކުރުން ހިމެނެ އެވެ.
ފްލެޓްގެ އެތެރޭގައި ޑެގު އަަޅައިގެން ނުވަތަ ޕާޓިޝަން ޖަހައިގެން އިތުރު ކޮޓަރި ހެދުމާއި ފްލެޓްގައި ޖަހާފައިވާ ތަށިމުށީގެ މަތިން އާ ތަށިމުށި ޖެހުމުގެ މައްސަލައް ހިމެނެ އެވެ. އަދި ދެވަަނަ ފަންގިފިލާއިން މަތީ ފަންގިފިލާތަކުގައި ސީލިންގު ހެދުމުން، އެހެން ފްލޯތަކުގެ ޝީޓްގައި ރެނދު އަޅައިފި ނަމަ، އެކަންކަން ދެނެގަންނަން ސީލިންގުގެ ސަބަބުން ހުރަސްއެޅޭ ކަމަށް އެޗްޑީސީން ބުންޏެވެ.
އެ ކުންފުނިން ބުނީ ވެށިފަހި މާލެ ޕްރޮގްރާމުގެ ދަށުން އިމާރާތްކުރި ފްލެޓްތައް ހަދާފައި ވަނީ އިމާރާތުގެ ބަރުމިން ވަކި މިންގަނޑަކަށް ފެތޭ ގޮތަށް ހަދާފައިވާ ލޯޑް ކަލްކިއުލޭޝަނަށް ބިނާކޮށް ކަމަށެވެ. އަދި އިމާރާތަށް ބަދަލު ގެނައުމަކީ އިމާރާތުގެ ސްޓްރަކްޗާއަށް ގެއްލުން ލިބި އިމާރާތުގެ އުމުރު ކުރުވުމަށް މެދުވެރިވާނެ ކަމަށް ވެސް ބުންޏެވެ.
"އެ އިމާރާތް ފަރުމާކޮށްފައި ވަނީ އިމާރާތުގައާއި ފްލެޓްތަކުގައި ވައި ދައުރުވުމާއި ވަދެނިކުތުމާއި ފްލެޓްގައި ދިރިއުޅެވޭނެ މީހުންގެ އަދަދާއި އެ ފަރާތްތަކަށް ލިބެންޖެހޭ އަސާސީ ހިދުމަތްތަކާއި ވަސީލަތްތަކާއި ބެހޭ ގޮތުން ސަރުކާރުން ހަދާފައިވާ މިންގަނޑުތަކާއި ގަވާއިދުތަކާ އެއްގޮތަށެވެ. އެހެންވެ، މިފަދަ ބަދަލު ގެނައުމަކީ ކަމާބެހޭ ގަވާއިދުތަކާ ހިލާފު ކަމެކެވެ،" އެޗްޑީސީން ނެރުނު އިއުލާނުގައި ބުންޏެވެ.
އެ ކުންފުނިން ބުނި ގޮތުގައި ބައެއް ފްލެޓްތަކުގެ އެތެރެއަށް ގެނެވޭ ބަދަލުތަކުގެ ސަބަބުން ދިމާވާ މައްސަލަތަކުގެ ސަބަބުން އަވަށްޓެރި ފްލެޓްތަކަށް އެކަމުގެ އަސަރުކޮށް ގެއްލުން ލިބެމުންދާކަމުގެ ޝަކުވާ ވެސް ލިބެ އެވެ. އެހެންވެ، ހުއްދަނެތި ފްލެޓަށް ބަދަލު ގެނައުމަކީ އެއްބަސްވުމާ ހިލާފު ކަމެއްކަން އެޗްޑީސީން ވަނީ ހަނދާންކޮށްދީފި އެވެ.
ފްލެޓަށް ބަދަލު ގެނައި މީހުން، އެޗްޑީސީގެ ފެސިލިޓީސް މެނޭޖްމަންޓްގެ އިރުޝާދުގެ މަތިން އެ ބަދަލުތައް ރަނގަޅުކުރުމަށް އަންގާފައިވާއިރު އެއްބަސްވުމާ ހިލާފަށް ބަދަލު ގެންނަ މީހުންނާ މެދު ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ވެސް ދިނެވެ.