ދުނިޔޭގެ އެންމެ ރީތި ބީޗު ހޮވަން ބޭއްވި މުބާރާތް "ވެލިގަނޑު އައިލެންޑް ރިސޯޓު" ން ކާމިޔާބުކޮށްފި އެވެ.

ފައިނަލުގައި، ވެލިގަނޑު އައިލެންޑް ރިސޯޓާ ވާދަކުރީ ސީޝެލްސްގެ ރިސޯޓެއް ކަމަށްވާ އެންސް ކޮކޯއާ އެވެ.

"ވޯލްޑް ޗެމްޕިއަންޝިޕް އޮފް ބެސްޓް ބީޗް" މުބާރާތް ކުރިއަށް ދަނީ އޮންލައިން ޓްރެވަލް އޭޖެންސީއެއް ކަމަށްވާ އެމެރިކާގެ ކިވީ އިންނެވެ. އެ ކުންފުނީގެ އިންސްޓަގްރާމުގައި ބުނެފައިވާގޮތުގައި ދެ ރިސޯޓު ވާދަކޮށް ރާއްޖެ ކުރި ހޯދީ ވަރަށް ކުޑަ ތަފާތަކުންނެވެ.

މި މުބާރާތުގައި އެންމެ މަގްބޫލު ބީޗު ހޮވާފައިވަނީ ކިވީގެ އިންސްޓަގްރާމް މެދުވެރިކޮށް ނެގި ވޯޓަކުންނެވެ.

ވެލިގަނޑު އައިލެންޑް ރިސޯޓަކީ ކްރައުން އެންޑް ޗަމްޕާ ރިސޯޓްސްގެ ދަށުން ހިންގާ ރިސޯޓެކެވެ. އެ ކުންފުނިން ބުނީ ވެލިގަނޑު ފަދަ ރިސޯޓެއް މިފަދަ މުބާރާތެއްގައި ވާދަކޮށް ފައިނަލަށް ދިއުމަކީ މުޅި ޓޫރިޒަމް އިންޑަސްޓްރީ ޕްރޮމޯޓްވުމަށް ލިބުނު ފުރުސަތެއް ކަމަށެވެ.

ވެލިގަނޑު ރިސޯޓަކީ ގުދުރަތީ ގޮތުން އުފެދިފައިވާ ދިގު ބީޗެއް އޮންނަ ރަށެކެވެ. އއ އަތޮޅުގައި އޮތް މި ރިސޯޓަކީ ރާއްޖޭގައި ވެސް އެންމެ ބޮޑު އެއް ގޮނޑުދޮށް އޮތް އެއް ރަށެވެ. އެ ރިސޯޓުގެ ބީޗްގެ ދިގުމިނުގައި 150 މީޓަރު ހުރެ އެވެ. އެ ރިސޯޓުގެ ބީޗް ސަރަހައްދުގައި ވެސް ޓޫރިސްޓުންނަށް ހިތްފަސޭހަކޮށްލަން ތިބެވޭނެހެން ހަޓް ހުންނަނީ ޖަހައިފަ އެވެ. މިއީ 1984 ގައި ހުޅުވި ރިސޯޓެކެވެ.