އެޑިއުކޭޝަން މިނިސްޓްރީގެ ފެން ހޮޅިއެއް އިއްޔެ ފަޅައިގެން ގޮސް އެ މިނިސްޓްރީ އަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.

ވެލާނާގޭގެ 9 ވަނަ ފްލޯގައި ހިންގާ އެ މިނިސްޓްރީގެ ފެން ހޮޅި ފަޅައިގެން ދިއުމުން އެ މިނިސްޓްރީ އާއި އެ ތަނުގެ ދަށުން ހިންގާ އެހެން ބައެއް އޮފީސްތަކުގެ ކޮމްޕިއުޓަރު ސިސްޓަމާއި ޑޮކިއުމެންޓްތަކަށް ވަނީ ގެއްލުން ވެފަ އެވެ.

އެ ފްލޯ އަދި އެޑިއުކޭޝަން މިނިސްޓްރީގެ އެހެން ޑިޕާޓްމަންޓްތައް ހިންގާ 8 ވަނަ ފްލޯގެ އުތުރު ވިންގުގައި ހުރި އެއްވެސް ސެކްޝަނެއް "ސަލާމަތުން ނެތް" ކަމަށް މައުލޫމާތު އިނގޭ މީހަކު ބުންޏެވެ.

"އިއްޔެ ހެނދުނު އޮފީހަށް ދިޔައިރު ވެސް މުޅި ތަނުގައި އޮތީ ފެން ބޮޑުވެފައި،" އޭނާ ބުންޏެވެ.

އެ ގެއްލުންތަކާ ހެދި އެ މުވައްޒަފުން މިއަދު އޮފީހަށް ދާން އެންގީ ވެސް ހެނދުނު 11:30 އަށެވެ.

މި ކަމާ ގުޅޭ ގޮތުން އެޑިއުކޭޝަން މިނިސްޓްރީގެ ކޮމެންޓެއް ލިބޭ ގޮތެއް ނުވި އެވެ.

އެ މިނިސްޓްރީގެ އިތުރުން ވެލާނާގޭގެ ހަތް ވަނަ ފްލޯގައި ހިންގާ ފިޝަރީޒް މިނިސްޓްރީގެ އެއް ސެކްޝަންގެ މަސައްކަތް ވަނީ ފެން ލީކްވުމާ ގުޅިގެން ހުއްޓިފަ އެވެ. އެ ތަނުގައި ކަރަންޓު ވެސް ނެތް ކަމަށާއި އަދި މިނިސްޓަރު ޑރ. ހުސައިން ރަޝީދުގެ ކޮޓަރި އަށް ވެސް ގެއްލުން ލިބިފައިވާ ކަމަށް އެކަމުގެ މައުލޫމާތު އެނގޭ އެހެން މީހަކު ބުންޏެވެ.