ވެލާނާގޭ ބިލްޑިންގުގެ ސެކިއުރިޓީންގެ ފަރުވާ ކުޑަ މައްސަލަ ސަމާލު ކަމަށް އައިސްފައިވާ ކަމަށާއި އެކަމަށް ހައްލެއް ހޯދަން މަސައްކަތް ކުރަމުން އަންނަ ކަމަށް، އެ ބިލްޑިންގު ބަލަހައްޓާ ޕްލޭނިން މިނިސްޓްރީން ބުނެފި އެވެ.

ތިން މިނިސްޓަރެއްގެ ކާރުކޮޅުގައި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ "އިންޑިއާ އައުޓް" ޖެހީ ވެލާނާގޭ ބިންގަރާހުގައި އޮއްވަ އެވެ. އެ ޕާކިން ޒޯނުގައި ވަޒީރުންގެ ކާރުތަކާއި ދައުލަތުގެ އޮފީސްތަކުގެ އިސްވެރިންގެ ސައިކަލުތައް ވެސް ޕާކުކޮށްފައި ހުރެ އެވެ.

ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން މިއަދު "މިހާރު" އަށް ވިދާޅުވީ އެ ތަނުގެ ސެކިއުރިޓީ ބަލަހައްޓަނީ އަމިއްލަ ބަޔަކާ ހަވާލުކޮށްގެން ކަމަށެވެ. ނަމަވެސް، އެ މީހުންގެ ފަރުވާކުޑަކަން ފާހަގަ ވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ މީހުން ފަރުވާކުޑައީ. އެކަށީގެންވާ ގޮތުގައި އެ ތަން ނުބެލެހެއްޓޭތީ އެ މީހުން ވަކިކުރަން ވެސް ނިންމައިފައި އޮއްވާ މިކަން މި ހިނގީ،" އަކްރަމް ވިދާޅުވި އެވެ.

ވަޒީރެއްގެ ކާރުކޮޅުގައި އިންޑިއާ އައުޓް ސްޕްރޭ ކޮށްފައި -- ފޮޓޯ| ސޯޝަލް މީޑިއާ
ވަޒީރެއްގެ ކާރުކޮޅުގައި އިންޑިއާ އައުޓް ސްޕްރޭ ކޮށްފައި -- ފޮޓޯ| ސޯޝަލް މީޑިއާ

އަކްރަމް ވިދާޅުވީ، ވެލާނާގެ ހުންނަނީ ގްރީން ޒޯން ސަރަހައްދެއްގައި ކަމަށް ވާތީ އެ އިމާރާތުގެ ސެކިއުރިޓީ ފުލުހުންނާ، ނުވަތަ ސިފައިންނާ ހަވާލުކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"ޕްރައިވެޓް ސެކިއުރިޓީއަކަށް މި ތަން ނުބެލެހެއްޓޭ ރަނގަޅަކަށް. އެހެންވީމަ އަޅުގަނޑުމެން ހިޔާލުކޮށްފައި އޮންނާނީ އެތަނުގެ ސެކިއުރިޓީ ސިފައިންނާ ނުވަތަ ފުލުހުންނާ ހަވާލުކުރަން،" އަކްރަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ތަނުގައި ސެކިއުރިޓީ ބަލަހައްޓަން، މީހުން ތިބެންޖެހޭ އަދަދަށް ނުތިބޭ ކަމަށެވެ. އަދި ބައެއް ރޭރޭ އެ ތަނުގެ ސެކިއުރިޓީ ބަލަހައްޓަން އެންމެ މީހަކު ހުންނަ ކަން ފާހަގަ ވެފައިވާ ކަމަށް ވެސް އަކްރަމް ވިދާޅުވި އެވެ.

އެ މީހުން ފަރުވާކުޑައީ. އެކަށީގެންވާ ގޮތުގައި އެ ތަން ނުބެލެހެއްޓޭތީ އެ މީހުން ވަކިކުރަން ވެސް ނިންމައިފައި އޮއްވާ މިކަން މި ހިނގީ -- އަކްރަމް

ވެލާނާގޭ ޕާކިން ޒޯނުގައި އޮއްވާ ނޫ ކުލައިގެ ސްޕްރޭއިން ތިން ވަޒީރެއްގެ ކާރުގައި ވަނީ ސްޕްރޭ ކޮށްފަ އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ސްޕްރޭ ކޮށްފައި ވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އާއި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އަދި ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަންގެ ކާރުގައި ކަމަށެވެ.

ތަންތަނުގެ ސެކިއުރިޓީ ބަލަހައްޓަން ތިބޭ މީހުންގެ އިހުމާލުން، ބޮޑެތި ވައްކަމާއި ނުރައްކާތެރި ހާދިސާތައް ވެސް ހިނގާފައި އެބަ ހުއްޓެވެ. އަދި ތަންތަނުގައި ތިބޭ ސެކިއުރިޓީން، ޑިއުޓީގައި ތިބެ ނިދާ ވާހަކަ ސޯޝަލް މީޑިއާގައި ދޭތެރެދޭތެރެއިން ފެންމަތިވެ އެވެ.