ވެލާ ޕްރައިވެޓް އައިލެންޑް މޯލްޑިވްސް އިން އެ ރިސޯޓުގެ އަމިއްލަ ގަހަނާ ކަލެކްޝަންތަކެއް ބާޒާރަށް ނެރެފި އެވެ.
މި ކަލެކްޝަންތަކަކީ މަޝްހޫރު ގަހަނާ ޑިޒައިނަރެއް ކަމަށްވާ ފްރެޑްރިކް ބެޒިއެޓްއާ ގުޅިގެން ނެރެފައިވާ ކަލެކްޝަނެކެވެ. ފްރެޑްރިކް އަކީ ޕްރައިވެޓް ކުންފުނިތަކަށް ގަހަނާގެ މުޅިން އާ ޑިޒައިންތައް ހަދައިދޭ ޑިޒައިނަރެކެވެ.
ވެލާއިން ނެރެފައިވާ "ހައި ޖްވެލަރީ" ކަލެކްޝަނާއި "ޓާޓަލް އެނިވާސަރީ" ކަލެކްޝަނަކީ އެ ރިސޯޓުގެ ރީތިކަން ދައްކުވައިދޭ ކަލެކްޝަންތަކެކެވެ.
ހައި ޖްވެލަރީ ކަލެކްޝަގައި 10 ޑިޒައިނެއް ހިމެނެ އެވެ. މި ކަލެކްޝަންގެ 18 ކެރެޓް ހުދު ރަނާއި ވިލު ނޫކުލައިގެ ޖަވާހިރު ބޭނުންކޮށްގެން ހަދާފައިވާ އަނގޮޓި ފާހަގަކޮށްލެވެ އެވެ. މީގެ އިތުރުން ރާއްޖޭގެ ޖަޒީރާ ބަގީޗާތައް ރަމްޒުވާނެހެން ކުދި ޖަވާހިރު ބޭނުންކޮށްގެން ހަދާފައިވާ ބްރެސްލެޓް ވެސް ފާހަގަކުރެވެ އެވެ.
ހައި ޖުވެލަރީ ކަލެކްޝަނުގެ އެންމެ ރީތި ޑިޒައިނަކީ މޫދުގެ ރީތިކަން ދައްކުވައިދޭ ކަރުގައި އަޅާ ފަށެވެ. މި ފަށުގައި ރާއްޖޭގެ މޫދުން ފެންނަ ތިން ކުލަ ބޭނުންކޮށްފައި ވެއެވެ. އެގޮތުން ފަށުގެ ޕެންޑެންޓްތަކުގެ ގޮތުގައި ވިލު ނޫކުލަ އާއި ގަދަ ނޫކުލައެއްގެ އިތުރުން ފެހި ކުލައިގެ ޖަވާހިރު ވަނީ ބޭނުންކޮށްފަ އެވެ. މީގެ އިތުރުން ފަށް ރީތި ކުރުމަށް ކަލާ ުދުގެ ޖަވާހިރު ވަނީ ބޭނުންކޮށްފަ އެވެ.
ވެލާގެ "ވެލާ އެނިވާސަރީ" އެޑިޝަނަކީ ވެލާތަކުގެ ޑިޒައިނަށް ތައްޔާރުކޮށްފައިވާ ގަހަނާތަކެއް އެކުލެވޭ ކަލެކްޝަނެކެވެ. މި ކަލެކްޝަން ލިބެން ހުންނާނީ ހަމައެކަނި ވެލާ ރިސޯޓުންނެވެ. މި ކަލެކްޝަނުގައި ކަރުގައި އަޅާ ފަށާއި އަތުގައި އަޅާ ގަހަނާގެ އިތުރުން ކަންފަތުލާ އެއްޗެހި ހިމެނެ އެވެ.
ވެލާއިން ނެރުނު މި ދެ ކަލެކްޝަނަކީ ވެސް އެ ރިސޯޓަށް އަންނަ ޓޫރިސްޓުންނަށް ރާއްޖޭގެ ރީތިކަން ރަމްޒުކޮށްދިނުމުގެ ބޭނުމުގައި ހަދާފައިވާ ކަލެކްޝަނެކެވެ.