ކަނޑު އުޅަނދުފަހަރު އިންޝުއާކުރުން މަޖުބޫރު ކަމެއްގެ ގޮތުގައި އޮތް އޮތުން ބަދަލުކޮށް، އެއީ އިހުތިޔާރީ ކަމެއްގެ ގޮތުގައި ޓްރާންސްޕޯޓް އޮތޯރިޓީން ހަމަޖައްސައިފި އެވެ.

ކަނޑު ދަތުރުފަތުރު ކުރުމާ ބެހޭ ގަވާއިދަށް ބަދަލު ގެނެސް، އެ އުޅަނދުތައް އިންޝުއާ ކުރުމަކީ މަޖުބޫރުކަމެއްގެ ގޮތުގައި ހަމަޖެއްސީ މި އަހަރުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ.

އެ ގަވާއިދަށް ގެނައި ބަދަލާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް ޓްރާންސްޕޯޓް އޮތޯރިޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮތޯރިޓީގެ ޗެއާމަން މަހުދީ އިމާދު ވިދާޅުވީ، އިންޝުއާކުރުމަކީ މަޖުބޫރު ކަމެއްގެ ގޮތުގައި އޮތުމުން އެ އުޅަނދުތަކުގެ ވެރިންނަށް ވަރަށް ގިނަ ދަތިތައް ކުރިމަތިވާ ކަމަށެވެ. އެހެންކަމުން މިއަދު ގެނައި ބަދަލާއެކު އުޅަނދުތަކުގެ ވެރިންނަށް ވެސް ފަސޭހަވެގެން ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މަހުދީ ވިދާޅުވީ ކަނޑު އުޅަނދުތައް މީގެ ކުރިން އިންޝުއާ ކޮށްފައިވަނީ މަޖުބޫރުކަމެއްގެ ގޮތުގައި ހަމަޖައްސާފައި އޮތުމުން ކަމަށެވެ. ނަމަވެސް ޓްރާންސްޕޯޓް އޮތޯރިޓީން ވެސް ބޭނުންވަނީ އިންޝުއާ ކުރުމުގެ މުހިއްމުކަން ވިސްނިގެން އެ އުޅަނދުތަކުގެ ވެރިން އަމިއްލަ އިސްނެގުމަށް އެކަން ކުރުމަށް ކަމަށް މަހުދީ ވިދާޅުވި އެވެ.

"އޭގެ ބަދަލުގައި މަޖުބޫރުކަމެއްގެ ގޮތުގައި ހަމަޖައްސާފައި އޮތުމުން ދަތިތަކާ ކުރިމަތިވޭ. އިންޝުއަރެންސް ކުންފުނިތަކުން ވެސް އެކަމުގެ މުހިއްމުކަމުގެ މައުލޫމާތު ހިއްސާ ކުރަން ތަފާތު ހަރަކާތްތައް އެބަ ހިންގާ،" އިކޮނޮމިކް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލަުވުމުގައި މަހުދީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކަނޑު އުޅަނދުފަހަރުގެ ގަވާއިދު އަދިވެސް މުރާޖައާ ކުރަމުން އަންނަ ކަމަށާއި ކުރިމަގުގައި ވެސް އެ ގަވާއިދަށް ބަދަލު އައުން އެކަށީގެންވާ ކަމަށެވެ. އަދި ގަވާއިދަށް ބަދަލު ގެންނާނީ އެއިރެއްގެ ހާލަތަށް ބެލުމަށް ފަހުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މި ބައްދަލުވުމުގައި ޓްރާންސްޕޯޓް އޮތޯރިޓީގެ ޑިރެކްޓަ ޖެނެރަލް އަބްދުއްނާސިރު ވިދާޅުވީ އިންޝުއާ ކުރުމަކީ އިހުތިޔާރީ ކަމެއްގެ ގޮތުގައި ހަމަޖެއްސުމަކީ ދިގު މުއްދަތަކަށް ބަލާއިރު ކޮން ކަހަލަ ކަމެއްތޯ ބަލަމުން އަންނަ ކަމަށެވެ.