އިންޓަ ސްކޫލް ވޮލީބޯޅަ މުބާރާތުގެ 19 އަހަރުންދަށުގެ އުމުރުފުރާގެ ފިރިހެން ފައިނަލަށް ސީއެޗްއެސްއީ ދަތުރުކުރިއިރު އަންހެން ފައިނަލުން ކެޔޮދޫ ސްކޫލް ޖާގަ ހޯދައިފި އެވެ.
ސީއެޗްއެސްއީ އާއި ކެޔޮދޫ ސްކޫލް ވެސް ފައިނަލުގެ ސީދާ ޖާގައެއް ޔަގީން ކުރީ ލީގު ބުރުގެ ހުރިހާ މެޗެއްވެސް ކާމިޔާބު ކޮށްގެންނެވެ.
އަންހެން އަދި ފިރިހެން ކެޓެގަރީގައި ވެސް ލީގު ބުރުގެ ދެވަނަ ޓީމުގެ ގޮތުގައި މ. އަތޮޅު ތައުލީމީ މަރުކަޒު ވަނީ ސެމީ ފައިނަލުން ފުރުސަތު ހޯދައިފަ އެވެ.
ހަ ޓީމު ބައިވެރިވި ފިރިހެން ކެޓެގަރީގައި އެންމެ ފަހުގެ ޗެމްޕިއަން ސީއެޗްއެސްއީ އާ ދެކޮޅަށް ފައިނަލްގައި ނުކުންނާނީ، މ. އަތޮޅު ތައުލީމީ މަރުކަޒާއި ލީގު ބުރުގެ ތިންވަނައިގައި ނިންމި ވިލާ އިންޓަނޭޝަނަލް ހައި ސްކޫލް ބައްދަލުކުރާ ސެމީ ފައިނަލުން މޮޅުވާ ޓީމެކެވެ.
އަންހެން ކެޓެގަރީގައި ފަސް ޓީމު ބައިވެރިވި އެވެ. ލީގު ބުރުގެ އެއްވަނަ ހޯދި ކެޔޮދޫ ސްކޫލާ ދެކޮޅަށް ފައިނަލްގައި ނުކުންނާނީ، މ. އަތޮޅު ތައުލީމީ މަރުކަޒާއި ލީގު ބުރުގެ ތިންވަނައިގައި ނިންމި ސީއެޗްއެސްއީ ބައްދަލުކުރާ ސެމީ ފައިނަލުން މޮޅުވާ ޓީމެކެވެ.
ސެމީ ފައިނަލް ދެ މެޗު ވެސް މިރޭ ކުޅޭނެ އެވެ. އެންމެ ފުރަތަމަ މ. އަތޮޅު ތައުލީމީ މަރުކަޒާއި ސީއެޗްއެސްއީ ބައްދަލުކުރާ އަންހެން ކެޓެގަރީގެ ސެމީ ފައިނަލް އޮންނާނީ 7:45 ގަ އެވެ. އަދި މ. އަތޮޅު ތައުލީމީ މަރުކަޒާއި ވިލާ ބައްދަލުކުރާ ފިރިހެން ކެޓެގަރީގެ ސެމީ ފައިނަލް މެޗު ފެށުމަށް ހަމަޖެހިފައި ވަނީ 8:45 ގަ އެވެ.