ވ. އަންބާރާ އިން ރޭ ހުއްޓުވި މީހުން 95 ޖޫރިމަނާ ކުރިޔަސް، އެ މީހުން ހައްޔަރު ކޮށްފައިނުވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ،

ފުލުހުން ބުނީ ޖޫރިމަނާ ކުރީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ގައިޑްލައިނާ ޚިލާފަށް މާލެއިން އަންބާރާއަށް ހުއްދަ ނެތި ދަތުރު ކުރުމުން ކަމަށެވެ. އެކަމަކު އެރަށުން އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށާ އަދި އެއްވެސް މީހެއްގެ މައްޗަށް މަސްތުވާތަކެތި ބޭނުން ކުރުމުގެ ތުހުމަތެއް ނުކުރާ ކަމަށް ފުލުހުން ބުންޏެވެ.

އެހެން ނަމަވެސް، އެ މީހުން އެ އެރަށަށް ދިޔަ އުޅަނދުގައި ހުއްދަ ދީފައިވާ މިންވަރަށް ވުރެ އިތުރަށް މީހުން އުފުލާފައިވާތީ އެކަމަށް ވަކިން ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުންޏެވެ.

މީގެ ކުރިން 2014 ގައި އަންބާރާގައި ޕާޓީ ކުރަން ތިއްބާ 100 އަށް ވުރެ ގިނަ މީހުން އެރަށުން ހައްޔަރުކުރި އެވެ. އެ މީހުން ފަހުން ދޫކޮށްލި އެވެ. އަދި އެއްވެސް މީހެއްގެ މައްޗަށް އެ މައްސަލާގައި ދައުވާއެއް ވެސް ނުކުރެ އެވެ.