ހއ. ތަކަންދޫގައި މީގެ 400 ވަރަކަށް އަހަރު ކުރިން އުތީމު އަލީ ތަކުރުފާނު އިންދެވި ކަމަށް ބުނާ އާސާރީ ކާނި ގަހުގައި ރޯކޮށް އަންދާލި މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރު ނުކުރާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ރާއްޖޭގެ އާސާރީ ތަންތަނުގެ ލިސްޓުގައި ހިމެނޭ އެ ކާނި ގަހުގައި މި މަހުގެ 21 ވަނަ ދުވަހު ރޯކޮށްލުމުން ގަހުގެ ބޮޑު ބައެއް އަނދާފައިވާ އިރު ގަސް ވަނީ ވެއްޓިފަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ މިދިޔަ ހަފުތާގައި ހެރިޓޭޖުން އެ މައްސަލަ ހުށަހަޅާފައިވާ ކަމަށާއި އެކަން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ނަމަވެސް އެނގިފައިވާ ގޮތުގައި އެ މައްސަލަ ތަހުގީގު ކުރަން ފުލުހުން މިހާތަނަށް އެ ރަށަކަށް ނުދެ އެވެ.

އަލި ތަކުރުފާނު އިންދެވި ކަމަށް ބުނާ ކާނިގަހުގައި ރޯކޮށްލާފައި. -- ފޮޓޯ: އަލީ މުހައްމަދު
އަލި ތަކުރުފާނު އިންދެވި ކަމަށް ބުނާ ކާނިގަހުގައި ރޯކޮށްލާފައި. -- ފޮޓޯ: އަލީ މުހައްމަދު

ތަކަންދޫ ކައުންސިލްގެ ނައިބު ރައީސް އައިޝަތު އާސިފާ ވިދާޅުވީ އެ މައްސަލަ ތަހުގީގު ކުރުމަށް ފުލުހުން އެ ރަށަށް އަންނާނެ ކަމަށް ބުނެފައިވާ ކަމަށެވެ. ނަމަވެސް އަންނާނެ ދުވަހެއް އަދި ނާންގާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ކާނި ގަހަކީ، ޕޯޗްގީޒުންގެ އަޅުވެތިކަމާ ދެކޮޅަށް އުތީމު ތިންބެއިން ކުރެއްވި ޖިހާދުގައި ޕޯޗުގީޒުންގެ ހަމަލާގައި ޝަހީދުވެވަޑައިގެންނެވި އަލީ ތަކުރުފާނުގެ ޒިޔާރަތުގެ ހުޅަނގުން އަތިރިމަތީގައި ހުރި ގަހެކެވެ. އަލީ ތަކުރުފާނު ޝަހީދު ކޮށްލާފައިވަނީ ތަކަންދޫގަ އެވެ.