ހއ. ތަކަންދޫގައި މީގެ 400 ވަރަކަށް އަހަރު ކުރިން އުތީމް އަލިތަކުރުފާނު އިންދެވި ކަމަށް ބުނާ އާސާރީ ކާނިގަހުގައި މިއަދު ރޯކޮށްލުމުން އެގަހަށް ބޮޑެތި ގެއްލުންތަކެއްވެއްޖެ އެވެ.

ތަކަންދޫ ކައުންސިލްގެ ނައިބު ރައީސް އައިޝަތު އާސިފާ ވިދާޅުވީ އެ ގަހުގައި ރޯކޮށްލާފައި ވަނީ އަސުރު ވަގުތު ކަމަށާއި ގަހަށް މިހާރު ބޮޑެތި ގެއްލުންތަކެއްވެ، ގަސް ވެއްޓެން ކައިރިވެފައިވާ ކަމަށެވެ.

"ގަހުގެ ވަރަށް މައްޗަށް ދާންދެން އަލިފާނުގެ އަސަރުކޮށްފަ ވަނީ. ގަހުގެ ބުޑުގައި ވަރަށް ގަދަޔަށް އަލިފާން ހިފާފައި ހުރީ. ލަފާކުރެވޭގޮތުގައި ގަސް ވެއްޓޭނެ.،" ވަރަށް ދިގުކޮށް ހެދި، ހިކިފައިވާ ކާނިގަހާ ގުޅޭގޮތުން އާސިފާ ވިދާޅުވި އެވެ.

އަލިތަކުރުފާނު އިންދެވި ކަމަށް ބުނާ ކާނިގަހުގައި ރޯކޮށްލާފައި-- ފޮޓޯ: އަލީ މުހައްމަދު
އަލިތަކުރުފާނު އިންދެވި ކަމަށް ބުނާ ކާނިގަހުގައި ރޯކޮށްލާފައި-- ފޮޓޯ: އަލީ މުހައްމަދު

އެ ރަށު އަތިރިމަތީގައި ހުންނަ އެ ގަހުގައި ރޯވެފައިވާ އަލިފާން ނިއްވާލުމަށް ރައްޔިތުން ނުކުމެ އަންނަނީ މަަސައްކަތް ކުރަމުންނެވެ. ކައުންސިލުން މައުލޫމާތު ދިންގޮތުގައި އަލިފާން ރޯކުރި ބައެއް އަދި ނޭންގެ އެވެ.

ހެރިޓޭޖް ޑިޕާޓްމަންޓުން ރަށްރަށުގައި ހުރި އާސާރީ ތަންތަނުގެ ލިސްޓުގައި ހިމެނޭ އެ ކާނި ގަހަކީ، ޕޯޗްގީޒުންގެ އަޅުވެތިކަމުން ރާއްޖެ ސަލާމަތް ކުރެއްވުމަށް ޝަހީދުވެވަޑައިގެންނެވި އަލިތަކުރުފާނުގެ ޒިޔާރަތުގެ ހުޅަނގުން އަތިރިމަތީގައި ހުރި ގަހެކެވެ. އަލިތަކުރުފާނު ޝަހީދުކޮށްލާފައިވަނީ ތަކަންދޫގަ އެވެ.

ތަކަންދޫގެ ތާރީހު ދިރާސާކޮށްފައިވާ އަހުމަދު ސާލިމް ބުނިގޮތުގައި އެއީ 433 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ އަދި ޕޯޗްގީޒުން އެ ރަށަށް ހަނގުރާމަ އަށް ދިޔައިރު ވެސް ހުންނަ ގަހެކެވެ.

"މުޙައްމަދު ތަކުރުފާނުންް ޕޯޗްގީޒުންނާއި ދެކޮޅަށް ކުރެއްވި "ގެރިއްލާ" ހަނގުރާމައިގެ ދުވަސްވަރު ވެސް މި ގަސް ހުރޭ. އަދި ދަންވަރުގެ ވަގުތުގައި ކަޅުއޮށްފުންމި މިރަށު [ތަކަންދޫ]ގެ ތުނޑީކޮޅަށް ލަފަމުން ގެންދިޔަ ދުވަސްވަރު ވެސް މި ގަސްތައް ހުރޭ،" ސާލިމް ބުންޏެވެ.