ވޮޝިންޓަން (ޑިސެމްބަރު 12) - އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ވޯޓުލީ ވާދަވެރި ހަތަރު ސްޓޭޓެއްގެ ވޯޓު ސައްހަ ނޫން ކަމަށް ކަނޑައެޅުމަށް ރައީސް ޑޮނަލްޑް ޓްރަމްޕުގެ ފަރާތުން އެމެރިކާގެ ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަތައް ބޭރުކޮށްލައިފި އެވެ.
ޓެކްސަސް ސްޓޭޓުގެ ފަރާތުން މިދިޔަ ހަފުތާގައި ސުޕްރީމް ކޯޓަށް ހުށަހަޅާފައި ވަނީ ޖޯޖިއާ، މިޝިގަން، ޕެންސިލްވޭނިއާ އަދި ވިސްކޮންސިންގެ ވޯޓު ބާތިލް ކުރުމަށެވެ. އަދި އެ ސްޓޭޓްތަކުގެ އިލެކްޓޯރަލް ކޮލެޖް ވޯޓުލާނެ މީހުން ކަނޑައެޅުމަކީ ސްޓޭޓްތަކުގެ ގާނޫނު ހަދާ މަޖިލިސްތަކުން ކުރާ ކަމެއްގެ ގޮތުގައި ސުޕްރީމް ކޯޓުން ކަނޑައެޅުމަށް ވެސް އެދިފައިވެ އެވެ. ހަތަރު ސްޓޭޓުގެ ވެސް ގާނޫނު ހަދާ މަޖިލިސް ކޮންޓްރޯލް ކުރަނީ ރިޕަބްލިކަން ޕާޓީންނެވެ. އިންތިޚާބީ ރައީސް ޖޯ ބައިޑަން ވަނީ އެ ހަތަރު ސްޓޭޓް ވެސް ކާމިޔާބު ކުރައްވައިފަ އެވެ.
ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އަށް ވަނީ 18 ސްޓޭޓް އެޓާނީ ޖެނެރަލުންނާއި ކޮންގްރެސްގެ 106 ރިޕަބްލިކަން މެންބަރުން ތާއީދުކޮށްފަ އެވެ. ޓެކްސަސްގެ ރިޕަބްލިކަން އެޓާނީ ޖެނެރަލް ކެން ޕެކްސްޓަން މައްސަލަ ހުށަހެޅީ އަންގާރަ ދުވަހު އެވެ.
ސުޕްރީމް ކޯޓުގެ ނިންމުމުގައި ބުނެފައި ވަނީ އެ މައްސަލަ ހުށަހެޅުމުގެ ހައިސިއްޔަތު ޓެކްސަސް އަށް ލިބިގެން ނުވާ ކަމަށެވެ.
ސުޕްރީމް ކޯޓުގެ ނިންމުމަކީ އިންތިޚާބު އޮޅުވާލާފައިވާ ކަމަށް ޓްރަމްޕް ކުރައްވާ ތުހުމަތަށް ކުރިމަތިވި އިތުރު ގޮންޖެހުމެކެވެ. ތަކުރާރުކޮށް ޓްރަމްޕް ވިދާޅުވަމުން ގެންދަވަނީ އެމަނިކުފާނަށް ދެ ވަނަ ދައުރު ގެއްލުނީ ގާނޫނާ ޚިލާފަށް ލާފައިވާ ވޯޓުގެ ސަބަބުން ކަމަށެވެ.
ނޮވެމްބަރު 3 ވަނަ ދުވަހު ބޭއްވި އިންތިޚާބަށް ފަހު ޓްރަމްޕުގެ ފަރާތުން ވަނީ ގާނޫނީ އެކި މައްސަލަތައް ކޯޓުތަކަށް ހުށަހަޅައިފަ އެވެ. އެއިން އެއްވެސް މައްސަލައެއް ޓްރަމްޕުގެ ކޮޅަށް ނިމިފައެއް ނުވެ އެވެ.
ޑިމޮކްރެޓިކް ކެންޑިޑޭޓް ޖޯ ބައިޑަން އިންތިޚާބު ކާމިޔާބުކޮށްފައި ވަނީ 306 އިލެކްޓޯރަލް ކޮލެޖް ވޯޓް ހޯއްދަވައިގެންނެވެ. ޓްރަމްޕަށް ލިބިވަޑައިގެންނެވީ 232 އިލެކްޓޯރަލް ކޮލެޖް ވޯޓެވެ. އިންތިޚާބު ކާމިޔާބުކުރާ ކެންޑިޑޭޓަކު މަދުވެގެން 270 އިލެކްޓޯރަލް ކޮލެޖް ވޯޓު ހޯއްދަވަން ޖެހެ އެވެ.
އެމެރިކާގެ 46 ވަނަ ރައީސްގެ ގޮތުގައި ޖޯ ބައިޑަން ރަސްމީކޮށް ކަނޑައެޅުމަށް އިލެކްޓޯރަލް ކޮލެޖުން ހޯމަ ދުވަހު ބައްދަލު ކުރާނެ އެވެ.