އެމެރިކާގައި އިއްޔެ ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެއްޖެ އެވެ.
މިހާތަނަށް ގުނާ ނިމިފައިވާ ވޯޓްގެ ނަތީޖާގައި، ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އަދި މިހާރުގެ ނައިބު ރައީސް ކަމަލާ ހެރިސްގެ މައްޗަށް ޓްރަމްޕް ވަނީ 51.1 ޕަސެންޓުން ކުރި ހޯއްދަވައިފަ އެވެ. ނައިބު ރައީސް ކަމަލާ އަށް ލިބިވަޑައިގެންނެވީ 47.4 ޕަސެންޓް ވޯޓެވެ.
ޓްރަމްޕަށް މަރުހަބާ ވިދާޅުވެ، ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓްގައި ވިދާޅުވީ ރާއްޖެ އާއި އެމެރިކާގެ ދެމެދުގައި އޮންނަ ގުޅުމަކީ އިހްތިރާމާއި ހެޔޮ އެދުމުގެ މައްޗަށް ބިނާވެފައިވާ ހަރުދަނާ ގުޅުމެއް ކަމަށެވެ. އަދި ޓްރަމްޕްގެ ދައުރުގައި އެ ގުޅުން އިތުރަށް ބަދަހިވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"ދެ ގައުމުގެ ގުޅުން ހަރުދަނާކޮށް، ދެ ގައުމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ހައްލެއް ހޯދައި، ދުނިޔޭގެ ސުލްހަ އާއި ތަނަވަސްކަން ކުރިއެރުވުމަށް މަސައްކަތް ކުރުމަށް އުއްމީދު ކުރަމެވެ،" ރައީސްގެ ޕޯސްޓްގައި ވެ އެވެ.
ރިޔާސީ އިންތިހާބުގައި ޓްރަމްޕް ކާމިޔާބު ހޯއްދެވުމާ ގުޅިގެން، ދުނިޔޭގެ އެހެން ގައުމުތަކުގެ ވެރިން ވެސް ގެންދަވަނީ ޓްރަމްޕްއަށް މަރުހަބާ ވިދާޅުވަމުންނެވެ.