ވޮޝިންޓަން (މާޗް 21) - އެޓްލާންޓާ އަށް ވަޑައިގަތުމަށް އެއާ ފޯސް ވަން މަތިންދާ ބޯޓަށް އަރައިވަޑައިގަތުމަށް ސިޑިން އަރުއްވަނިކޮށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވެއްޓުނު ނަމަވެސް ސީރިއަސް އަނިޔާއެއް ނުވާ ކަމަށް ވައިޓް ހައުސް އިން ބުނެފި އެވެ.

މަތިންދާ ބޯޓުގެ ސިޑިން 10 ވަނަ ހަރުފަތާ ހަމައަށް ބައިޑަން އެރުއްވީ ބާރަށެވެ. ނަމަވެސް އޭގެ ފަހުން ފައިއޮޅޭ ގޮތްވެ ސިޑި މައްޗަށް ވެއްޓެ އެވެ. އޭގެ ފަހުން ތެދުވެވަޑައިގެން އިތުރު ހަރުފަތަކުން މައްޗަށް އަރުއްވަން އުޅުއްވަނިކޮށް އަނެއްކާވެސް ދެ ފަހަރަށް ވެއްޓެ އެވެ. ދެން އަނެއްކާވެސް ތެދުވެވަޑައިގެން ފަޓުލޫން ފޮޅާލެއްވުމަށް ފަހު ސިޑިން މައްޗަށް އަރުއްވަ އެވެ. ސިޑީގެ އެންމެ މައްޗަށް އެރުއްވުމަށް ފަހު ރަންވޭގައި ތިބި އެއާ ފޯސްގެ މީހުންނަށް ސެލިއުޓް ނަންގަވަ އެވެ.

"ވަރަށް ވައިގަދަ. އެހެންވެ ކަމަށް ބެލެވެނީ ރައީސް އަރިއަޅާލީ،" ބައިޑަންއާ އެކު ދަތުރު ކުރެއްވި ވައިޓް ހައުސްގެ ތަރުޖަމާން ޖީން-ޕިއާރީ ވިދާޅުވި އެވެ. "ރައީސް ހަމަ 100 ޕަސެންޓް ބަރާބަރު."

އުމުރުން 78 އަހަރުގެ ބައިޑަން އަކީ އެމެރިކާގެ ރައީސްކަން ލިބިވަޑައިގެންނެވި އުމުރުން އެންމެ ދޮށީ ބޭފުޅާ އެވެ. ބައިޑަންގެ ކުއްތާތަކާ އެކު ކުޅުއްވަން އުޅެނިކޮށް، މިިދިޔަ ނޮވެމްބަރު މަހު ވަނީ ވާތު ފައިގައި ރެނދެއް ވެސް ލައިފަ އެވެ.

ބައިޑަން އަކީ މަތިންދާ ބޯޓުގެ ސިޑއަކުން ވެއްޓުނު އެމެރިކާގެ ފުރަތަމަ ރައީސެއް ނޫނެވެ. ކުރީގެ ރައީސް ޖެރަލް ފޯޑް 1975 ވަނަ އަހަރު އޮސްޓްރޭލިއާ އަށް ކުރެއްވި ދަތުރުފުޅެއްގައި ބޯޓުގެ ސިޑިން ފައިބައިވަޑައިގަންނަވަނިކޮށް ސިޑިން ވެއްޓުނެވެ. ވާރޭ ވެހޭތީ އެ ދުވަހު ފޯޑް ފައިބައިވަޑައިގެންނެވީ ކުޑައެއް ވެސް ނަންގަވައިގެންނެވެ.