އެމެރިކާގައި މިހާރު ކުރިއަށްދާ ޔޫއެސް އޯޕަން ޓެނިސް މުބާރާތް، ކުރިއަށްދާ ސަރަހައްދުގައި ފެތރިފައި މެރުއާނާ ގަދަ ވަހުގެ ސަބަބުން ކުރިމަތިވާ އުނދުގލާ ހެދި އިނގިރޭސިވިލާތުގެ ކުޅުންތެރިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
މުބާރާތް ކުރިއަށްދާ ނިއުޔޯކުގެ ފްލަޝިން މެޑޯސް ސަރަހައްދުގައި އޮންނަ ޕާކުން ދުވާ މެރުއާނާގެ ޓެނިސް ސެންޓަރާ ހަމައަށް ފޯރަ އެވެ.
ގާނޫނެއް ހަދައިގެން ބޮޑެތި މީހުންނަށް މެރުއާނާ ބޭނުން ކުރުން، ނިއުޔޯކުގައި އޮންނަނީ "ހުއްދަކަމަކަށް" ހަދާފަ އެވެ.
އިނގިރޭސިވިލާތުގެ އެއްވަނަ އަންހެން ޓެނިސް ކުޅުންތެރިޔާ ކޭޓީ ބޯލްޓާ ބުނީ ޕްރެކްޓިސް ކުރާ ކޯޓާއި، ޕާކާ ކައިރީގައި ހުންނަ ކޯޓުތަކުން އެ ވަސް ވަރަށް ބޮޑަށް ދުވާ ކަމަށެވެ.
"އަހަރެން މެޗެއްގައި ކުޅުނުއިރު ވެސް އެ ވަސް ދުވި. މެޗެއްގެ މެދުތެރެއިން އެފަދަ ވަހެއް ދުވާކަށް އަހަރެން ބޭނުމެއް ނުވޭ. މެޗަށް ފޯކަސްކުރަން އުޅޭ ވަގުތު އެކަމުގެ ސަބަބުން ވިސްނުން އެހެން ދިމާއަކަށް ގޮސް ސަމާލުކަން ގެއްލޭ. މިއީ އެއްގޮތަކަށް ވެސް ކަމުދާ ކަމެއް ނޫން،" ބޯލްޓާ ބުންޏެވެ.
އިނގިރޭސި އެހެން ކުޅުންތެރިޔެއް ކަމަށްވާ ފްރޭން ޖޯންސް ބުނީ މިދިޔަ އަހަރުގެ މުބާރާތުގައި ވެސް ސަމާސާ ރާގެއްގައި އެކަމުގެ ވާހަކަ ދައްކި ކަމަށެވެ.
"މިދިޔަ އަހަރުގެ މުބާރާތުގެ ފުރަތަމަ ބުރުގައި އަހަރެން މީހަކު ގާތުގައި އެހިން މިއީ އާންމު ކަމެއްހޭ. ސުޓޭޑިއަމް އޮތީ ޕާކާ އިންވެގެން ކަމަށްވާތީ އޭނާ ބުނީ އާނއެކޭ. އެހެންވެ އަހަރެން ބުނިން މިއީ ދޯ އޭ އަހަރެން މިއަދު މާ މޮޅަށް މި ކުޅެވެނު ސަބަބަކީ،" މަލާމާތުގެ ރާގެއްގައި އޭނާ ބުންޏެވެ.
"އެކަމަކު މިފަހަރު ޖެހޭނީ ސަމާލުވެގެން މެޗަށް ފޯކަސްކުރަން."
މި މައްސަލައިގައި ކަންބޮޑުވުން ފާޅުކުރީ ހަމައެކަނި ޓެނިސް ކުޅުންތެރިން އެކަންޏެއް ނޫނެވެ. އިނގިރޭސި ދުވުންތެރިޔާ ހެރިއެޓް ޑާޓް ބުނީ ނިއުޔޯކުގެ ކޮންމެ ތަނަކުން ވެސް އެ ވަސް ދުވާ ކަމަށެވެ. މިއީ ހުރިހާ އެތުލީޓުންނަށް ވެސް އެއްގޮތަކަށް ތަހައްމަލުކުރާ ކަމެއް ކަމަށް، އޭނާ ބުންޏެވެ.
ޔޫއެސް ޓެނިސް އެސޯސިއޭޝަން (ޔޫއެސްޓީއޭ) އިން ނެރުނު ބަޔާނެއްގައި ބުނީ ނޭޝަނަލް ޓެނިސް ސެންޓަރުގެ އިމުން ބޭރުގައި ހިނގާ ކަންކަމަކީ އެ އެސޯސިއޭޝަނަށް ކޮންޓްރޯލް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. ނަމަވެސް މުބާރާތުގެ މާހައުލުގެ ސާފުތާހިރުކަމާއި ރައްކާތެރިކަން ހިފެހެއްޓުމަށް އަބަދުވެސް ހާއްސަ ސަމާލުކަމެއް ދެމުންދާނެ ކަމަށް އެ އިދާރާއިން ބުންޏެވެ.