ވޮޝިންޓަން (ޖެނުއަރީ 4) - އެމެރިކާގެ ކޮންގްރެސްގެ މިޝިގަންގެ ޑިމޮކްރެޓިކް މެންބަރު ރާޝިދާ ތަލީބް މަގާމުގެ ހުވާ ރޭ ކުރެއްވިރު އޭނާ ލައިގެން ހުންނެވީ މަންމަ ފަހައިދިން ފަލަސްތީނުގެ ސަގާފީ ހެދުމެކެވެ.

ރާޝިދާ ހުވާ ކުރަން ބޭނުން ކުރާނީ އެމެރިކާގެ ތިން ވަނަ ރައީސް ތޯމަސް ޖެފަސަންގެ ޚަތިމެއް ކަމަށް ޑިޓްރޮއިޓް ފްރީ ޕްރެސް އިން ކުރިން ބުނެފައިވެ އެވެ. ނަމަވެސް 42 އަހަރުގެ ރާޝިދާ ފަހުން ބުނެފައި ވަނީ އޭނާ ބޭނުން ކުރީ އާއިލާގައި އޮތް ޚަތިމެއް ކަމަށެވެ.

"ޚަތިމްގައި އަތްލައިގެން ހުރެ އަޅުގަނޑު ހުވައި ކުރުމަކީ އެމެރިކާގައި ތަފާތު ދީންތަކަށް އޮތް ފުރުސަތާއި މިނިވަންކަމާއި އިންސާފު ދައްކުވައިދޭ ކަމެއް،" ރާޝިދާ ވިދާޅުވި އެވެ. "މިއީ ވަރަށް މުހިންމު ކަމެއް. ބައެއް މީހުންނަށް ހީވާ ކަހަލަ އިސްލާމް ދީނަކީ އެމެރިކާ އަށް ބީރައްޓެހި ދީނެއް ކަމަށް."

"އެމެރިކާގައި މާކުރިން ވެސް މުސްލިމުން އުޅުނު. ކޮންގްރެސްގައި މިހާރު ތިބި ބައެއް މެންބަރުންނަށް ވުރެ ބޮޑަށް އަޅުގަނޑުމެންގެ ކާބަފައިންނަށް އިސްލާމް ދީން އެނގޭ،" ރާޝިދާ ވިދާޅުވި އެވެ.

ކޮންގްރެސްގެ ދަށު ގޭގެ ރައީސް ހޮވުމުގެ ވޯޓުގައި ރާޝިދާ ތަލީބް. --ފޮޓޯ:ގެޓީ އިމޭޖަސް
ކޮންގްރެސްގެ ދަށު ގޭގެ ރައީސް ހޮވުމުގެ ވޯޓުގައި ރާޝިދާ ތަލީބް. --ފޮޓޯ:ގެޓީ އިމޭޖަސް

އޭނާ ބުނީ ހުވާ ކުރުމުގެ ރަސްމިއްޔާތުގައި ބޭނުންކުރީ ފަލަސްތީނުގެ ހުޅަނގު އައްސޭރިން އެމެރިކާ އަށް ހިޖުރަ ކުރި އޭނާގެ މަންމަ ތައްޔާރު ކޮށްދިން ހެދުމެއް ކަމަށެވެ. ރާޝިދާގެ މާމަ އަދިވެސް ދިރިއުޅެނީ ހުޅަނގު އައްސޭރީގަ އެވެ.

މިއީ ފަލަސްތީން ދަރިކޮޅަށް ނިސްބަތްވާ އަންހެން މެންބަރަކު އެމެރިކާގެ ކޮންގްރެސްގައި ހިމެނޭ ފުރަތަމަ ފަހަރެވެ.

މީގެ އިތުރުން ސޯމާލިއާ ދަރިކޮޅަށް ނިސްބަތްވާ މުސްލިމް އަންހެން މެންބަރެއް ކަމަށްވާ އިލްހާން އުމަރު ވެސް ވަނީ އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުކަމުގެ ހުވައި ކުރައްވައިފަ އެވެ. އިލްހާން ގޮނޑި ކާމިޔާބުކޮށްފައި ވަނީ އެމެރިކާގެ ކޮންގްރެސް އަށް ފުރަތަމަ އިންތިޚާބުވި މުސްލިމް މެންބަރު ކެއިތު އެލިސަންގެ ބަދަލުގަ އެވެ.

ސޯމާލިއާގެ ދާޚިލީ ހަނގުރާމައިން ސަލާމަތްވުމަށް އިލްހާންގެ މައިންބަފައިންނާ އެކު ކެންޔާ އަށް ހިޖުރަކުރީ އުމުރުން އަށް އަހަރުގަ އެވެ. އެ ގައުމުގައި ހަތަރު އަހަރު ހޭދަކުރުމަށް ފަހު އެމެރިކާގެ މިނެސޮޓާގައި އެ އާއިލާ ދިރިއުޅެން ފެށީ 1997 ވަނަ އަހަރު އެވެ.

މުސްލިމް މެންބަރު އިލްހާން އުމަރު ކޮންގްރެސްގައި. --ފޮޓޯ:ގެޓީ އިމޭޖަސް
މުސްލިމް މެންބަރު އިލްހާން އުމަރު ކޮންގްރެސްގައި. --ފޮޓޯ:ގެޓީ އިމޭޖަސް

ރާޝިދާ ތަލީބް ގޮނޑި ކާމިޔާބު ކުރި އިރު އެ ދާއިރާ އަށް ވާދަވެރި އެހެން ކެންޑިޑޭޓަކު ވާދަކޮށްފައެއް ނުވެ އެވެ. އެހެންވެ ޑިމޮކްރެޓިކް ޕްރައިމަރީ އޮގަސްޓް މަހު ކާމިޔާބު ކުރެއްވި އިރު އޭނާ އަށް ގޮނޑި ވަނީ ޔަގީންވެފަ އެވެ.

ރަޝިދާ ނިސްބަތް ވަނީ ފަލަސްތީނުުގެ އާއިލާއަކަށް ނަމަވެސް އޭނާ އުފަންވެފައި ވަނީ ޑިޓްރޮއިޓްގަ އެވެ. ރާޝިދާގެ މަންމައަކީ ހުޅަނގު އައްސޭރީގެ ރާމުﷲ އަށް ނިސްބަތްވާ މީހެކެވެ. ބައްޕަ އަކީ އިރުމަތީ ގުދުސްގެ މީހެކެވެ. ރާޝިދާ ވަނީ 2008 ވަނަ އަހަރު މިޝިގަންގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުކަން ހޯއްދަވައި އެ މަގާމު ފުރި ފުރަތަމަ މުސްލިމް އަންހެނާގެ ޝަރަފް ހޯއްދަވައިފަ އެވެ.

ގާނޫނީ ރޮނގުން ޑިގްރީ ހާސިލް ކުރައްވާފައިވާ ރާޝިދާ ވަނީ އެޓާނީއެއްގެ ގޮތުން ވެސް މަސައްކަތް ކުރައްވައިފަ އެވެ.

ރާޝިދާ ވަނީ އޮގަސްޓް 2016 ގައި ރައީސް ޑޮނަލްޑް ޓްރަމްޕް ޑިޓްރޮއިޓްގައި ދެއްވި ތަގްރީރަކަށް ހުރަސް އަޅުއްވައިފަ އެވެ. އޭނާ ވަނީ އެ މީހުންގެ ދަރިންނަށް "މިއަށް ވުރެ ރަނގަޅު ގޮތެއް ބޭނުންވާ ކަމަށާއި" ގާނޫނު އަސާސީގައި އޮތް އެއްޗެއް ޓްރަމްޕް ވިދާޅުވުމަށް ހަރުއަޑުން ގޮވާލައްވައިފަ އެވެ. އޭގެ ފަހުން ސެކިއުރިޓީ ގާޑުން ވަނީ ރާޝިދާ ހޯލުން ނެރެފަ އެވެ.

މުސްލިމް ދެ އަންހެނުންނާއި އެކު ކޮންގްރެސްގެ ދަށު ގޭގައި މުސްލިމުންގެ އަދަދު ތިނަކަށް އަރާނެ އެވެ. އިންޑިއާނާ ސްޓޭޓުގެ ޑިމޮކްރެޓިކް ޑިސްޓްރިކްޓުގެ ގޮނޑި ވަނީ މުސްލިމް މެންބަރު އަންދަރު ކާލްސަން އަލުން ކާމިޔާބުކޮށްފަ އެވެ.