ވޮޝިންޓަން (ސެޕްޓެމްބަރު 28) - މިދިޔަ އަހަރު ބޭއްވި އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ތެރޭގައި ފޭކް ޚަބަރު ފެތުރި ލިޔުންތެރިޔާ މަރުވެއްޖެ އެވެ.

ޕޯލް ހޯނާ، 38، މަރުވެފައި ވަނިކޮށް ފެނިފައި ވަނީ އެރިޒޯނާގައި ހުންނަ އޭނާގެ މަންމަގެ ގޭގައި މި މަހު 18 ވަނަ ދުވަހު އެވެ. އޮފިޝަލުން ލަފާ ކުރަނީ އޭނާ ޑްރަގް އޯވަޑޯޒްވީ ކަމަށެވެ.

ހޯނާގެ ކޮއްކޮ ފޭސްބުކް މެދުވެރިކޮށް ބުނެފައި ވަނީ ހޯނާ މަރުވެފައި ވަނީ ނިދާފައި އޮއްވާ ކަމަށް ބެލެވެ އެވެ.

ރިޔާސީ އިންތިޚާބުގެ ތެރޭގައި ހޯނާ ވަނީ ފޭސްބުކާއި ވެބްސައިޓްތައް މެދުވެރިކޮށް ވަރަށް ގިނަ ފޭކް ޚަބަރުތައް އާއްމުކޮށްފަ އެވެ. ހޯނާ ބުނާ ގޮތުން އެމެރިކާގެ އިންތިޚާބު ޓްރަމްޕަށް ކާމިޔާބު ކުރެއްވުނީ އޭނާގެ ސަބަބުންނެވެ. އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ދުވަސްވަރު ފޭކް ޚަބަރުތަކުގެ މައްސަލަ ވަރަށް ބޮޑުވި އެވެ.

ހޯނާ ފެތުރި ދޮގު ޚަބަރުތަކުގެ ތެރޭގައި ކުރީގެ ރައީސް ބަރަކް އޮބާމާ އަކީ މުސްލިމެއް ކަމަށް ބުނުން ހިމެނެ އެވެ. ހޯނާގެ ދޮގު ޚަބަރުތައް ޓްރަމްޕުގެ ކެމްޕޭން ޓީމުތަކުން ވެސް ވަނީ ޕޯސްޓްކޮށްފަ އެވެ.

ހޯނާ ވަނީ އޭނާ ފެތުރި ދޮގު ޚަބަރުތައް ދިފާއު ކޮށްފަ އެވެ. އޭނާ ބުނެފައިވާ ގޮތުގައި އެއީ ސިޔާސީ ގޮތުން ކުރާ ކަންތަކެވެ. އޭނާ އެކަން ކުރީ މީހުން ހޭލުންތެރި ކުރުވަން ކަމަށް މިދިޔަ ޑިސެމްބަރު މަހު ސީއެންއެން އަށް ބުންޏެވެ. ނޮވެމްބަރު މަހު ވޮޝިންޓަން ޕޯސްޓަށް ހޯނާ ބުނި ގޮތުގައި ޓްރަމްޕަށް ވައިޓް ހައުސް އަށް ވަޑައިގެންނެވުނީ އޭނާގެ ސަބަބުންނެވެ.

"އަހަރެންގެ ސައިޓްތައް ޓްރަމްޕުގެ ސަޕޯޓަރުން ވަރަށް ބޮޑަށް ބަލާ. އޭގައި ކޮންމެ އެއްޗެއް ލިޔުނަސް އެ މީހުން ގަބޫލް ކުރޭ. ހަގީގަތް ބެލުމެއް ނޯންނާނެ،" ހޯނާ ބުންޏެވެ.

ހިލަރީ ކްލިންޓަނުންގެ ސަޕޯޓަރުންނަށް އަމާޒުކޮށް ދޮގު ޚަބަރު ފެތުރީ އެކަމަނާގެ ވާދަވެރިޔާ އަށް އެހީވާންތޯ ސުވާލު ކުރުމުން ހޯނާ ބުނީ އޭނާ ޓްރަމްޕް ދެކެ ރުޅި އަންނަ ކަމަށެވެ.