މޮންޓެވީޑޯ، އުރުގުއޭ (އޮކްޓޫބަރު 12) - ވޯލްޑް ކަޕް ކޮލިފައިންގައި ރޭ ކޮލަމްބިއާ ކޮޅަށް އުރުގުއޭގެ ލުއިސް ސުއަރޭޒް ޖެހި ލަނޑާ އެކު ކޮލިފައިންގައި އެންމެ ގިނަ ލަނޑު ޖަހައިގެން އާޖެންޓީނާގެ ހެނާން ކްރެސްޕޯ ހަދާފައިވާ ރެކޯޑާ އޭނާ ހަމަކޮށްފި އެވެ.

ކްރެސްޕޯ ރެކޯޑް ހެދީ ދެކުނު އެމެރިކާގެ ވޯލްޑް ކޮލިފައިން މެޗުތަކުގައި 19 ލަނޑު ޖަހައިގެންނެވެ. ރޭގެ ލަނޑާ އެކު ސުއަރޭޒް ވެސް ވަނީ އެ އަދަދު ހަމަކޮށްފަ އެވެ. ކޮލިފައިންގައި ދެން ސުއަރޭޒް ނުކުންނާނީ އަންނަ މަހު އެކުއެޑޯއާ ދެކޮޅަށެވެ.

"ރެކޯޑަކީ އަހަންނަށް މުހިއްމު އެއްޗެއް ނޫން. އަހަންނަކީ ޓީމަށް ފައިދާ އަށް ކުޅޭ ކުޅުންތެރިއެއް. ޓީމު މޮޅުވީމަ އަހަރެންގެ ވަޒީފާ ނިމުނީ،" ރޭގެ މެޗަށް ފަހު ސުއަރޭޒް ބުންޏެވެ.

އަނިޔާގެ ސަބަބުން ކޮލިފައިން ފުރަތަމަ މެޗުތައް ސުއަރޭޒަށް ގެއްލުނެވެ. އެހެން ނަމަވެސް އަނިޔާއިން ރަނގަޅުވެ ސުއަރޭޒް އަންނަނީ އެ ޓީމަށް މޮޅު ކުޅުމެއް ދައްކަމުންނެވެ.

ރޭގެ މެޗުން އުރުގުއޭ 2-2 އިން އެއްވަރުވިއިރު، އެ ޓީމަށް ވަނީ ކޮލިފައިން އެއް ވަނަ ގެއްލިފަ އެވެ. ބްރެޒިލް އެއް ވަނަ އަށް ޖެހިލީ 10 މެޗުން 21 ޕޮއިންޓް ހޯދައިގެންނެވެ. އުރުގުއޭ އަށް ލިބިފައިވަނީ 10 މެޗުން 20 ޕޮއިންޓެވެ.