ކަރާކަސް (އޮގަސްޓް 28) - ވެނެޒުއެލާގެ ޖާސޫސީ ފަރާތްތަކުގެ ބެލުމުގެ ދަށުގައި މިހާރު ހުރި ގުއަންޓަނާމޯ ބޭ ޖަލުގެ ކުރީގެ ގައިދީއަކު ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރަމުންދާ ކަމަށް އޭނާގެ ވަކީލު ބުނެފި އެވެ.
ޖިހާދު ދިއާބު ނަމަކަށްކިޔާ ކުރީގެ ގައިދީ ގުއަންޓަނާމޯ ބޭ ޖަލުން އުރުގުއާއީ އަށް ބަދަލުކުރީ މީގެ ދެ އަހަރު ކުރިންނެވެ. ނަމަވެސް މިދިޔަ ޖުލައި މަހު އޭނާ ވަނީ ވެނެޒުއެލާ އިން ހައްޔަރުކޮށްފަ އެވެ. އެމެރިކާގައި ހުރި ދިއާބުގެ ވަކީލް ޖޮން އެއިސެންބާގު އޭއެފްޕީ އަށް ބުނީ ދިއާބު ވެނެޒުއެލާ އަށް ދިޔައީ އޭނާގެ އާއިލާއާ ބައްދަލުކުރަން ކަމަށް ބެލެވޭ ކަމަށެވެ.
އެއިސެންގާބު އޭއެފްޕީ އަށް ފޮނުވި މެއިލެއްގައި ބުނެފައި ވަނީ އުމުރުން 45 އަހަރުގެ ސީރިއާގެ ރައްޔިތެއް ކަމަށްވާ ދިއާބު ވެނެޒުއެލާގެ ކަމާބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށަށް ދިޔަ ފަހުން އޭނާއާ ނުގުޅޭ ކަމަށާއި އެކަމާ ކަންބޮޑުވާ ކަމަށެވެ. އަދި ދިއާބު ހައިހޫނުކަމުގެ ހަޅުތާލު ކުރަމުންދާ ކަމަށް ވެސް ވަކީލު ބުނެފައިވެ އެވެ. އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ އެމެރިކާގެ އެކްޓިވިސްޓަކު ވެސް ވަނީ އެކަން ޔަގީންކޮށްދީފަ އެވެ.
އޭނާ ބަނޑުހައިހޫނުކަމުގެ ހަޅުތާލު ކުރަން ފެށީ އަނބުރާ އުރުގުއާއީ އަށް ފޮނުވުމާ ބެހޭ ގޮތުން ދެ ގައުމުގެ ޚާރިޖީ ވަޒީރުން މަޝްވަރާ ކުރަން ފެށުމުން ކަމަށް ވެސް އެކްޓިވިސްޓް ބުނެފައިވެ އެވެ. ދިޔާ އެއްޗެހި ބުއިމަށް ވެސް ދިއާބު ދެކޮޅު ހަދާ ކަމަށް ވެ އެވެ.
އެއްވެސް ކުށެއް ސާބިތުކުރުމެއް ނެތި ގުއަންޓަނާމޯ ބޭ ޖަލުގައި 12 އަހަރު ގެންގުޅުމަށް ފަހު ދިއާބު އުރުގުއާއީ އަށް ބަދަލުކުރީ 2014 ވަނަ އަހަރު އެވެ. އޭނާއާ އެކު ފަސް މީހަކު އުރުގުއާއީ އަށް ބަދަލުކުރި އެވެ. ޕާކިސްތާނާއި އަފްޣާނިސްތާން ގުޅޭ ސަރަހައްދީ ރޮނގު ކައިރިން ދިއާބު ހައްޔަރުކުރީ 2002 ވަނަ އަހަރު އެވެ.