އުރުގުއޭގެ ކޯޗުކަމުގައި 15 އަހަރުން ވަންދެން ހުރި އޮސްކާ ޓަބަރޭޒް މަގާމުން ވަކިކޮށްފި އެވެ.
ގައުމީ ޓީމަކަށް އެންމެ ގިނަ މެޗުގައި ކޯޗްކޮށްދިންކަމުގެ ދުނިޔޭގެ ރެކޯޑް އޮންނަ ޓަބަރޭޒް ވަނީ އުރުގުއޭގެ ގައުމީ ޓީމަށް 224 މެޗުގައި ކޯޗްކޮށްދީފަ އެވެ.
ކުރިން ސްކޫލް ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރި ޓަބަރޭޒް އުރުގުއޭގެ ކޯޗްކަމާ ހަވާލުވީ 2006 ގަ އެވެ. އެ އަހަރުގެ ވޯލްޑް ކަޕަށް އުރުގުއޭ ކޮލިފައި ނުވުމުން ގައުމީ ޓީމާ ހަވާލުވެ އޭނާ ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފަ އެވެ. މަސައްކަތް ކުރަން ޖެހޭނެ ވަކި އުސޫލުތަކެއް ކަނޑައެޅި އެވެ. ނަތީޖާއެއްގެ ގޮތުން 2010 ގެ ވޯލްޑް ކަޕްގެ ސެމީ ފައިނަލަށް އެ ޓީމު ދަތުރު ކުރި އެވެ. އަދި ޖެހިގެން އައި އަހަރު ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތް އުރުގުއޭ އަށް ކާމިޔާބުކޮށްދިނެވެ.
އެކަމަކު އޭނާގެ 15 އަހަރުގެ ދައުރު ނިމުމަކަށް ގެންނަން އުރުގުއޭގެ އެފްއޭއިން ނިންމީ ވޯލްޑް ކަޕް ކޮލިފިކޭޝަންގައި އެންމެ ފަހުން ކުޅުނު ހަތަރު މެޗުން ވެސް އެ ޓީމަށް މޮޅު ނުވުމުންނެވެ. ދެކުނު އެމެރިކާ ޒޯނުން ވޯލްޑް ކަޕަށް ސީދާ ކޮލިފައި ވާނީ އެންމެ ކުރީގައި ނިންމާ ހަތަރު ޓީމެވެ. ބްރެޒިލް އާއި އާޖެންޓީނާ ކޮލިފައިވުމުން ބާކީ އޮތީ ދެ ޖާގަ އެވެ. ފަސް ވަނައިގައި ނިންމާ ޓީމަށް ޖެހޭނީ އިންޓަނޭޝަނަލް ޕްލޭއޮފް ކުޅޭށެވެ. އުރުގުއޭ އޮތީ ހަތްވަނައިގަ އެވެ.
ޓީމުތަކުގެ ވާދަވެރިކަމަށް ބަލާއިރު އެ ޓީމު ވޯލްޑް ކަޕަށް ކޮލިފައި ނުވުވުމުގެ ބިރު ވެސް އެބައޮތެވެ. ޓަބަރޭޒް، 74، ވަނީ ސީނިއާ ޓީމާ ހަވާލުވުމުގެ ކުރިން އެ ގައުމުގެ 20 އަހަރުން ދަށުގެ ގައުމީ ޓީމަށް ކޯޗް ކޮށްދީ ޕޭން އެމެރިކާ މުބާރާތް 1983 ގައި ކާމިޔާބުކޮށްދީފަ އެވެ.