އދ. ގެ ސަލާމަތީ މަޖިލީހުގެ މެމްބަރުކަމުގެ އިތުރު ދައުރަކަށް އިންޑިއާ ގެންނަން ރާއްޖެއިން ތާއީދުކުރާ ކަން ދިވެހި ސަރުކާރުން ހާމަކޮށްފި އެވެ.
އދ. ގެ އެންމެ ބާރުގަދަ ގުނަވަން ކަމަށްވާ ސަލާމަތީ މަޖިލީހުގެ 2028 ވަނަ އަހަރުން ފެށިގެން 2029 ވަނަ އަހަރުގެ ނިޔަލަށް ހޮވާ ވަގުތީ މެމްބަރު ކަމަށް އިންޑިއާ ކުރިމަތިލާނެ ކަން މިދިޔަ މަހު ވަނީ ހާމަކޮށްފަ އެވެ. މިދިޔަ މަހުގެ ނިޔަލަށް ވެސް އިންޑިއާ އޮތީ ކައުންސިލްގެ ވަގުތީ މެމްބަރެއްގެ ގޮތުގަ އެވެ.
ރާއްޖޭގެ ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައިވަނީ ސަލާމަތީ މަޖިލީހުގެ މެމްބަރުކަން އިންޑިއާ އަނެއްކާވެސް ދޭން ރާއްޖެއިން ތާއީދުކުރާނެ ކަން ހާމަކުރީ އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޖައިޝަންކަރު ދާދިފަހުން ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ކަމަށެވެ.
ސަލާމަތީ މަޖިލީހަކީ އދ. ގެ މެމްބަރުންގެ މެދުގައި އެންމެ ވާދަވެރިކަން އޮންނަ ކައުންސިލެވެ. މި ކައުންސިލަކީ ގައުމުތަކާ ދެކޮޅަށް އަސްކަރީ އަދި އިގްތިސާދީ ފިޔަވަޅު އެޅުމުގެ ބާރު އޮންނަ ހަމައެކަނި ގުނަވަނެވެ.
ސަލާމަތީ މަޖިލީހުގެ ދާއިމީ މެމްބަރުންނަކީ އެމެރިކާ އާއި ރަޝިއާ އާއި ޗައިނާ އާއި ފްރާންސްގެ އިތުރުން އިނގިރޭސިވިލާތެވެ. ވީޓޯ ބާރު ލިބެނީ މި ފަސް ގައުމަށް އެކަންޏެވެ. ދެން ތިބޭނީ އެކި ސަރަހައްދުތަކުން ދެ އަހަރުގެ މުއްދަތަކަށް ހޮވާ ވަގުތީ ގޮތުންނެވެ. އެކަމަކު ވަގުތީ މެމްބަރުންނަށް ވީޓޯ ބާރެއް ނޯންނާނެ އެވެ.
މީގެކުރިން 2018 ވަނަ އަހަރު ރާއްޖެއިން ވެސް އެ ކައުންސިލަށް ވާދަކުރި އެވެ. އެކަމަކު އިންޑޮނީޝިއާއާ ވާދަކުރުމަށްފަހު ރާއްޖެ ވަނީ ނާކާމިޔާބުވެފަ އެވެ.