ރ. މަޑުއްވަރީ ކުރިމަތީގައި އޮންނަ ފަޅުރަށެއް ކަމަށްވާ އުފުލަންދޫ އެ ރަށު ކައުންސިލުގެ ބެލުމުގެ ދަށަށް ސަރުކާރުން މިއަދު ބަދަލުކޮށްފި އެވެ.

ޕްލޭނިން މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނީ މަޑުއްވަރީ ކައުންސިލަށް އެ ފަޅުރަށް ދިނީ މަސްވެރިކަމާއި ދަނޑުވެރިކަމާއި އިގުތިސާދީ ބޭނުންތަކަށް ފިޔަވާ އެ ނޫން ބޭނުންތަކަށް ފަޅުރަށްރަށް ދޫކުރުމާ ބެހޭ ގަވާއިދުގައިވާ ގޮތުގެ މަތިން، ސަރުކާރުގެ އަމިއްލަ އިސްނެގުމަށް ފަޅުރަށެއް ބެލެހެއްޓުން ވަކި ޝަރުތަކާ އެކު ކައުންސިލަކާ ހަވާލުކުރުމުގެ ބާރު ރައީސް އަށް އޮންނާތީ އެ އުސޫލުގެ ދަށުން ރައީސް އެގޮތަށް ނިންމެވުމުން ކަމަށެވެ.

ރ. މަޑުއްވަރީ ކައިރީގައި އޮންނަ ފަޅުރަށެއް ކަމަށްވާ ރ. އުފުލަންދޫ.
ރ. މަޑުއްވަރީ ކައިރީގައި އޮންނަ ފަޅުރަށެއް ކަމަށްވާ ރ. އުފުލަންދޫ.

"...ރ. އުފުލަންދު އަކީ މިހާރު އެއްވެސް ފަރާތަކަށް ކުއްޔަށް ދޫކޮށްފައިވާ ރަށަކަށް ނުވާތީ، މި ރަށް ބެލެހެއްޓުން ރ. މަޑުއްވަރީ ކައުންސިލާ މިއަދު ވަނީ ހަވާލުކޮށްފަ އެވެ،" މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.

އެ ރަށް މަޑުއްވަރީ ކައުންސިލާ ހަވާލުކޮށް އެކަމުގެ އެއްބަސްވުމުގައި ވެސް މިއަދު ވަނީ ސޮއިކޮށްފަ އެވެ. ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނެވެ. އަދި މަޑުއްވަރީ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލް މެމްބަރު އާޔަތުﷲ ނައީމެވެ.

މިނިސްޓްރީން ބުނި ގޮތުގައި، އެ ފަޅުރަށް މަޑުއްވަރީ ކައުންސިލާ ހަވާލުކުރީ ފަސް އަހަރުގެ މުއްދަތަކަށެވެ.

ރ. މަޑުއްވަރީ ކައިރީގައި އޮންނަ ފަޅުރަށެއް ކަމަށްވާ ރ. އުފުލަންދޫ، މަޑުއްވަރީ ކައުންސިލާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން އާއި ކައުންސިލް މެމްބަރު އާޔަތުﷲ ނައީމް ސަލާންކުރައްވަނީ.-- ފޮޓޯ: ޕްލޭނިން މިނިސްޓްރީ
ރ. މަޑުއްވަރީ ކައިރީގައި އޮންނަ ފަޅުރަށެއް ކަމަށްވާ ރ. އުފުލަންދޫ، މަޑުއްވަރީ ކައުންސިލާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން އާއި ކައުންސިލް މެމްބަރު އާޔަތުﷲ ނައީމް ސަލާންކުރައްވަނީ.-- ފޮޓޯ: ޕްލޭނިން މިނިސްޓްރީ

މަޑުއްވަރީން ފުރައިގެން ސްޕީޑް ބޯޓެއްގައި 5-10 މިނެޓުން ދެވޭހާ ދުރުމިނުގައި އޮންނަ އުފުލަންދު އަކީ ރިސޯޓް ހަދަން ސަރުކާރުން ކުރިން ބަޔަކަށް ކުއްޔަށް ދޫކުރި ރަށެކެވެ. އެ ރަށް ކުއްޔަށް ދޫކުރީ ޑްރީމް އޯޝަން ހޮލިޑޭސް ނަމަކަށް ކިޔާ ކުންފުންޏަކަށެވެ. ނަމަވެސް، މަޑުއްވަރީ ކައުންސިލުން، އެ ރަށް ދިނުމަށް ރައީސަށް ދެންނެވުމުން ސަރުކާރުން ވަނީ އެ ރަށުގެ ބަދަލުގައި ރިސޯޓު ހަދަން އެހެން ރަށެއް އެ ކުންފުންޏަށް ދޭން ނިންމައިފަ އެވެ.

މަޑުއްވަރީ މީހުން ބޭނުންވަނީ އެ ރަށަށް ހަރުގެތަކާއި ފައިބަރު މަސައްކަތް ބަދަލުކުރާށެވެ.