"ނޭޝަނަލް ޖޮބް ސެންޓަރު"ގެ ނަމުގައި ސަރުކާރުގެ އިދާރާއެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ އުފައްދަވައިފި އެވެ.
ރައީސް އޮފީހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އިކޮނޮމިކް މިނިސްޓްރީގެ ދަށުން ހިންގަން ނިންމާފައިވާ ނޭޝަނަލް ޖޮބް ސެންޓަރަކީ ގާނޫނު އަސާސީން ރައީސަށް ލިބިވަޑައިގެންފައިވާ ބާރުގެ ދަށުން އުފެއްދި އިދާރާއެއް ކަމަށެވެ.
އެ ބަޔާނުގައި ބުނީ ނޭޝަނަލް ޖޮބް ސެންޓަރު އުފެއްދީ، ރާއްޖޭގައި ވަޒީފާ ހޯދަން ބޭނުންވާ މީހުންނާއި ވަޒީފާ ދޭ މީހުން ގުޅުވައިދިނުމަށް ކަމަށެވެ. މަސައްކަތްކުރާ އުމުރުފުރައިގެ މީހުންނަށް ކުރެވެން ހުރި މަސައްކަތްތަކާއި އަދާކުރެވިދާނެ ވަޒީފާތައް ހިޔާރުކުރުމަށް ލަފަޔާއި އިރުޝާދު ދިނުމަކީ ވެސް އިދާރާގެ ބޭނުމެއް ކަމަށް އެ ބަޔާނުގައި ބުންޏެވެ.
ވަޒީފާގެ ބާޒާރާ ގުޅުން ހުރި ދިރާސާކޮށް، އެ ދިރާސާތަކުން ހޯދޭ މައުލޫމާތު ކަމާ ބެހޭ ފަރާތްތަކަށް ފޯރުކޮށްދިނުމާއި ވަޒީފާއާ ގުޅުންހުރި ސިޔާސަތުތައް ދެމެހެއްޓެނިވި ގޮތެއްގައި ތަންފީޒުކުރުމަށް ވެސް އެ އިދާރާއިން މަސައްކަތްކުރާނެ ކަމަށް ރައީސް އޮފީހުގެ ބަޔާނުގައިވެ އެވެ.
ނޭޝަނަލް ޖޮބް ސެންޓަރުގެ މަސައްކަތްތައް
1. ވަޒީފާ ދޭ މީހުންނާއި ދިވެހިން ކުރެ ވަޒީފާ ހޯދަން ބޭނުންވާ މީހުންނަށް ގުޅުވައިދޭނެ ގޮތްތައް ރާވައި ހިންގުން.
2. ހާއްސަ އެހީއަށް ބޭނުންވާ މީހުންނާއި އިޖުތިމާއީ ރައްކާތެރިކަން ބޭނުންވާ މީހުންނަށް އަދާކުރެވިދާނެ ވަޒީފާގެ ފުރުސަތުތަކުގެ މައުލޫމާތު ފޯރުކޮށްދީ، އެހީތެރިކަން ދިނުން.
3. މަސައްކަތްކުރާ އުމުރުފުރައިގެ މީހުންނަށް އާމްދަނީ ހޯދުމަށް ކުރާނެ ސްކިލްޑް އަދި ސެމީ-ސްކިލްޑް މަސައްކަތްތައް ދަސްކޮށްދެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމާއި، އެކިއެކި ވަޒީފާތަކަށް ބޭނުންވާ ފަންނީ ތަމްރީނާއި ހުނަރުވެރިކަން ދަސްކުރުމުގެ ފުރުސަތުތައް ބޭނުންކުރުމުގައި އެހީތެރިވުން.
4. މަސައްކަތްކުރާ އުމުރުފުރައިގެ މީހުންނަށް ކުރެވެންހުރި މަސައްކަތްތަކާއި އަދާކުރެވިދާނެ ވަޒީފާތައް ހިޔާރުކުރުމަށް ލަފަޔާއި އިރުޝާދުދެވޭނެ ގޮތްތައް ރާވައި ހިންގުން.
5. މަސައްކަތްކުރާ އުމުރުފުރައިގެ ދިވެހިން، އާމްދަނީ ލިބޭ ކަހަލަ މަސައްކަތެއް ކުރުމަށް ބާރު އެޅުމަށާއި މަސައްކަތަށް އަހުލުވެރިކުރުމަށް ޕްރޮގްރާމުތައް ރާވައި ހިންގުން.
6. ވަޒީފާގެ ފުރުސަތުތަކާ ގުޅުންހުރި މައުލޫމާތު ފޯރުކޮށްދިނުމަށް ހަރަކާތްތައް ރާވައި ހިންގުން.
7. ވަޒީފާގެ ބާޒާރާ ގުޅުންހުރި ދިރާސާ ކުރުމާއި އެ ދިރާސާތަކުން ހޯދޭ މައުލޫމާތު ކަމާ ބެހޭ ފަރާތްތަކަށް ފޯރުކޮށްދިނުން.
8. ވަޒީފާ ދޭ ފަރާތްތަކާއި އަމިއްލަ ޖަމިއްޔާތަކާ ގުޅިގެން އެމްޕްލޯއިމަންޓް ސާވިސަސް ފުޅާކުރުމަށް މަސައްކަތްކުރުން.
"ނޭޝަނަލް ޖޮބް ސެންޓަރު"ގެ ނަމުގައި ސަރުކާރުގެ އިދާރާއެއް އުފެއްދިއިރު، މިހާރު ވެސް އިކޮނޮމިކް މިނިސްޓްރީގެ ދަށުން ހިންގާ ހާއްސަ ހަރަކާތެއްގެ ގޮތުގައި "ޖޮބް ސެންޓަރެއް" ހިންގަ އެވެ. އެތަނުގެ ވެސް މައިގަނޑު މަސްއޫލިއްޔަތުތަކީ މި އެވެ.